ކިޔެވް (ޖޫން 22): ޔުކްރޭންގެ ސަރުކާރު ސިފައިންނާއި ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ޔުކްރޭންގެ ސިފައިންގެ ފަރާތުން ދެމުންގެންދާ ޙަމަލާތައް ހުއްޓާލައިފި އެވެ.

ޔުކްރޭންގެ ރައީސް ބިތުރޯ ބޯޝިންކޯ ވިދާޅުވީ ސިފައިން ހަމަލާތައް ހުއްޓާލީ ޔުކްރޭނަށް ސުލްޙަ ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށާއި އަދި ހަމަލާތަައް ހުއްޓާލިކަން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއަށް ދަންނަވާފައިވާނެ ކަމަށް ވެސް ބޯޝިންކޯ ވިދާޅުވި އެވެ. ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަކީ ރަޝިޔާގެ އެހީތެރިކަމާއި މަދަދު ލިބޭ ޖަމާއަތްތަކެއް ކަމަށް ޔުކްރޭނުން ތުހުމަތުކުރެއެވެ. ނަަވެސް ރަޝިޔާއިން މިކަން ދޮގުކުރެ އެވެ.

ޔުކްރޭންގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން އެގައުމަށް ސުލްޙަ ގެނައުމުގެ ޕްލޭނެއް ރަޝިޔާއާ ގުޅިގެން މިހާރުވަނީ އެކުލަވާލާފަ އެވެ. މިއީ 14 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ޕްލޭނެއް ކަމަށާއި އިދިކޮޅު ޖަމާއަތްތަކުން މިޕްލޭން ގަބޫލުކުރާނެ ކަމުގެ ގެރެންޓީއެއް އަދި ނެތް ކަމުގަ އެވެ. 14 ނުކުތާގެ މި ޕްލޭންގައި ހިމެނޭ ބައިތަކުގެ ތެރޭގައި ޔުކްރޭނާއި ރަޝިޔާ ގުޅިފައިވާ ސަރަހައްދީ ރޮނގުގައި 10 ކިލޯމީޓަރުގެ ބަފަޒޯނެއް (ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދެއް) ގާއިމް ކުރުމާއި ޔުކްރޭންގައި ޕާލަމްޓްރީ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަލުން ބެއްވުން ހިމެނެ އެވެ.

މީގެއިތުރުން ޔުކްރޭންގެ ސަރަައްދުތަކަށް އިދާރީ އަދި ވެރިކަމުގެ އިތުރު ބާރުތައް ދިނުމާއި މަރުކަޒީ ސަރުކާރުގެ އަތްދަށުގައިވާ ބައެއް ބާރުތައް ލޯކަލް ކައުންސިލްތަކަށް ދިނުންވެސް މި ޕްލޭންގައި ހިމެނެ އެވެ. ޔުކްރޭންގެ ސުލްހައިގެ ޕްލޭން ބިނާވެފައިވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން ހަތިޔާރު ބެހެއްޓުމުން ޔުކްރޭންގެ ސަރުކާރާއި އެމީހުންނާ ދެމެދު ސުލްޙައިގެ ވާހަކަތައް ފަށައި ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ މައްޗަށް ކަމަށްވެ އެވެ.

ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގެ ބޮޑުބައެއްވަނީ ވަކިވެގަތުމަށް މަސަައްކަތްކުރާ ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގަ އެވެ. ވަކިވެގަތުމަށް މަސަައްކަތްކުރާ ޖަމާއަތްތައް ބޭނުންވަނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތައް އެގައުމުން ވަކިވެ އެސަރަހައްދުތަކުގައި މިނިވަން މުސްތަގިއްލު ދައުލަތެއް އިޢްލާން ކުރުމަށެވެ. ޔުކްރޭން ދެ ސަރަހައްދެއް ކުރިންވަނީ މިނިވަންކަން އިއްލާންކޮށްފަ އެވެ. މިގެތެރެއިން ކްރައިމިޔާ ވަނީ ރަޝިޔާއާއެކު އިއްތިޙާދީ އެއްބަސްވުމެއްގައި ސޮއިކޮށް ރަޝިޔާގެ ބައެއްްގެ ގޮތުގައި ހަމަޖައްސާފަ އެވެ. (ރޮއިޓާސް)