06 Jan 2011, 14:32
ވޭތުވެދިޔަ އަހަރު ރާއްޖޭގައި މަސްތުވާތަކެތި ފެތުރުނު މިންވަރު 39.2 ޕަސެންޓް ދަށްކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ނިމިގެން ދިޔަ އަހަރު ފުލުހުން ތަހުގީގުކޮށްފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި އެ މައްސަލަތަކުގެ ތަފާސް ހިސާބު މީޑިއާ އާ ހިއްސާ ކުރައްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ 2009 އަހަރު މުޅި ރާއްޖޭގައި ދައުރުވި މަސްތުވާތަކެއްޗާއި އަޅާ ބަލާއިރު، ނިމިގެންދިޔަ 2010 އަހަރު، އެ ނިސްބަތުން 39.2 ޕަސެންޓް ދަށްކުރެވިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ފެތުރުނު މިންވަރު ދަށްކުރެވިފައި ވަނީ ފުލުހުންގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުކޮށް، ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ސަބަބުން ކަމަށް ޖިނާހު ވިދާޅުވި އެވެ.
ނިމިގެން ދިޔަ އަހަރު، 2010ގައި ފުލުހުން އަތުލައިގެންފައިވާ ތަފާތު މަސްތުވާތަކެތީގެ ޖުމްލަ އަގު 11.2 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވިދާޅުވެ ޖިނާހު އިތުރަށް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި މަސްތުވާތަކެތީގެ ތެރެއިން 3.3 ކިލޯގެ ހިރޮއިންގެ އަގު 6.9 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދި ފުލުހުން ހިފަހަށްޓާފައިވާ 5.5 ކިލޯގެ ކެނެބިސްގެ އަގު 3.2 މިލިއަން ރުފިޔާއަށް އަރާއިރު، ފުލުލުހުން މިދިޔަ އަހަރު އަތުލައިގެންފައިވާ 790 ބަނގުރާ ފުޅީ އަގު 1.1 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ޖިނާހު ވިދާޅުވި އެވެ. އަދި މައްސްތުވާތަކެތީގެ މަގުމަތީ އަގު 11.2 މިލިއަން ރުފިޔާ އަށް އަރާއިރު، އެ ފައިސާ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރުނުވެ، ފުލުހުން އެ މަސްތުވާތަކެތި އަތުލައިގެންފައި ވުމީ ފުލުހުންގެ މަސައްކަތަކަށް ލިބުނު ކާމިޔާބީއެއް ކަމަށް ޖިނާހު ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރު ރާއްޖޭގައި މަސްތުވާތަކެތީގެ 270 ހާއްސަ އޮޕަރޭޝަން ފުލުހުން ކުރިއަށް ގެންގޮސްފައިވާ އިރު، އެ އޮޕަރޭޝަންތަކުގައި އަތުލައި ގަނެވުނު މީހުންގެ ތެރެއިން 1177 މީހުންގެ މައްސަލަ ޕީޖީ އަށް ފޮނުވާފައިވާ ކަމަށް ޖިނާހު ވިދާޅުވި އެވެ. އަދި އެ މައްސަލަތަކުގެ ތެރެއިން ދެ މީހެއްގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށާއި އަށް މައްސަލަ ކޯޓް މަރުހަލާގައި ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވީ ފުލުހުނަށް ލިބިފައިވާ ވަސީލަތްތަކާއި ގާބިލިއްޔަތު ކަމާ އެކު މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތައް ކާމިޔާބުވެފައިވާ މިންވަރު ވޭތުވެދިޔަ ތިން އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެ ގޮތުން ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު ރާއްޖޭގައި މަސްތުވާތަކެތި ފެތުރިފައިވާ މިންވަރު 50 ޕަސެންޓް ދައްކުރެވިފައިވާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.