21 Jun 2014, 10:07
ވަޒީރުސްތާން (ޖޫން 22): ޕާކިސްތާނުގައި ބޮންގޮއްވުމާއި އާންމުތަންތަނަށް ޙަމަލާދީ ކުށެއް ނެތް މީހުން މެރުމުގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކާ ދެކޮޅަށް އެ ގައުމުގެ ސިފައިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ލައްކައެއްހާ މީހުން ހާލުގައި ޖެހި ރެފިއުޖީންގެ ގޮތުގައި ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާންޖެހިއްޖެ އެވެ.
ޕާކިސްތާނުގެ މީޑިއާ ޚަބަރުދޭ ގޮތުގައި ގެދޮރު ދޫކޮށްދިޔަ މީހުންގެ ގިނަބަޔަކު އުޅެން ޖެހިފައިވަނީ ހިޔާވަހިކަމެއްނެތި އެވެ. އެމީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ފޭލިގެތައް ޖެހުމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކާއި ޕާކިސްތާނުގެ ރެޑްކްރެސެންޓް ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެ އެވެ. ގެދޮރުދޫކޮށްދާ މީހުންގެ ތެރެއިން ގިނަބަޔަކުތިބީ ކާނެއެއްޗެއް އަދި ބޯ ފެންފޮދެއް ވެސް ނުލިބޭފަދަ ހާލަތެއްގައި ކަމަށާއި މިކަމުގެ ސަބަބުން ކުޑަކުދިންގެ ހާލަތު ވަރަށް ގޯސްކަމަށް ޚަބަރު ލިބެ އެވެ. ނަމަވެސް ރެފިއުޖީންގެ ގޮތުގައި ގެދޮރު ދޫކޮށްދިޔަ ބައެއް މީހުންނަށް ޕާކިސްތާނުގެ އާއިލާތަކާއި ބައެއް ގެތަކުންވަނީ ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާން ސިފައިންގެ ހަމަލާތައް އެންމެ ވަރުގަދައަށް އަމާޒުކޮށްފައިވާ ވަޒީރުސްތާނުގެ 8 މިލިޔަން މީހުންގެ ތެރެއިން 20 އިންސައްތަ މީހުންވަނީ ފުރާނައަށް ބިރުން ގެދޮރު ދޫކޮށް ޕާކިސްތާނުގެ އެކިތަންތަނަށް ގޮސްފަ އެވެ. އަނެއްް 80 އިންސައްތަ މީހުން އަދިވެސް ތިބީ ވަޒީރުސްތާނުގަ އެވެ.
ޕާކިސްތާން ސަރުކާރު ބުނާގޮތުން މުޖްތަމައުގައި ބިރުވެރިކަން އުފައްދައި އަމަންއަމާންކަންނަގާލުމަށް މަސައްކަތްކުރާ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ސިފައިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގައި މިހާތަނަށް 160 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލެވި އެމީހުންގެ މަރުކަޒުތައްވަނީ ފުނޑުފުނޑުކޮށްލާފަ އެވެ. މިއޮޕަރޭޝަން ބޮޑަށް އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތާއި ކަރާޗީ އެއަރޕޯޓަށް މީގެ ދެހަފްތާކުރިން ދިން ޓެރަރިސްޓް ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި "އުޒްބަކް އިސްލާމިކް ގްރޫޕް" ގެ ހަނގުރާމަވެރިންނަށެވެ. 29 މީހުން މަރުވެގެންދިޔަ ކަރާޗީ އެއަރޕޯޓް ގެ ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ތާލިބާން ޖަމާއަތުންނެވެ. ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކާކުޑަވެ އެޖަމާއަތްތައް ކޮންޓްރޯލްކުރެވެންދެން މިއޮޕަރޭޝަން ކުރިޔަށް ގެންދާނެ ކަމަށް ޕާކިސްތާން ސިފައިން ބުނެ އެވެ.
ތާލިބާނުންނާއި ޕާކިސްތާނުގެ ހަނގުރާމަވެރި ގިނަ ޖަމާއަތްތަކުގެ މަރުކަޒުތަކާއި ހަނގުރާމައިގެ އިންފްރާސްޓްރަކްޗާރ ތައް ހުންނަނީވަޒީރުސްތާންގަ އެވެ. ޕާކިސްތާން ސަރުކާރުގެ އަމުރުތައް ނުހިނގާ އަދި ސިފައިންގެ ކޮންޓްރޯލްވެސް ކުޑަ ވަޒީރުސްތާން މައިގަނޑު ގޮތެއްގައި ކޮންޓްރޯލް ކުރަނީ ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަނގުރާމަވެރިންނެވެ. (ނޫސްއެޖެންސީތައް)