ވޯލްޑް ކަޕުގެ ގްރޫޕް "އީ"ގައި ހޮންޑިއުރަސް ކޮޅަށް އެނާ ވެލެންސިއާ ކާމިޔާބުކުރި ދެ ލަނޑުން އިކުއެޑޯއަށް ގަދަ 16ގެ އުންމީދު އާވެއްޖެ އެވެ.

އެރީނާ ޑަ ބައިޒާޑާގައި ކުޅުނު މި މެޗަށް ހޮންޑިއުރަސް ނުކުތް އިރު، ވޯލްޑް ކަޕުގައި ކުޅުނު އެއްވެސް މެޗެއްގައި އެ ޓީމު މޮޅުވެފައެއް ނުވެއެވެ. އަދި ހޮންޑިއުރަސްގެ ކޯޗަކަށް ހުރީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިކުއެޑޯއަށް ކޯޗުކަން ކޮށްދިން ލުއިސް ފެނާންޑޯ ސުއަރޭޒް އެވެ.

ހޮންޑިއުރަސް އަތުން 2-1 ލަނޑުން އިކުއެޑޯ މޮޅުވި މެޗުގައި އެންމެ ފުރަތަމަ ފުރުސަތު ވެސް ލިބުނީ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި އެނާ ވެލެންސިއާ އަށެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި އޭނާ އުފެއްދި ހަމަލާ ދިޔައީ ހޮންޑިއުރަސްގެ ގޯލަށް އަމާޒުނުވެ ބޭރަށެވެ.

ފިޒިކަލް ގޭމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހޮންޑިއުރަސް އިންނެވެ. މިއީ 1982 ވަނަ އަހަރަށް ފަހު، ވޯލްޑް ކަޕުގައި އެ ޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ ލަނޑެވެ. ވޯލްޑް ކަޕުގައި 510 މިނެޓަށް ފަހު، ހޮންޑިއުރަސް އިން ކާމިޔާބުކުރި މި ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި އެ ޓީމަށް ޖަހައި ދިނީ ކާލޮސް ކޮސްޓްލީ އެވެ.

ގިނަ އަހަރުތަކަކަށް ފަހު، ހޮންޑިއުރަސްއިން ކުރަމުން އައި އުންމީދުތައް ފެނަށް ދުއްވާލުމަށްޓަކައި އިކުއެޑޯއަށް އެނާ ވެލެންސިއާ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 33 ވަނަ މިނެޓްގައެވެ. މި ލަނޑަށް ފަހު، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފެނުނު ދެ ލަނޑަކީ ދެ ޓީމުގެ ޖާޒީ ނަންބަރު 13 ކާމިޔާބުކުރި ދެ ލަނޑެވެ. މިއީ 20 އަހަރަށްފަހު އެއް މެޗެއްގައި ދެ ޓީމުގެ 13 ނަންބަރު ޖާޒީގައި ކުޅެމުންދިޔަ ދެ ކުޅުންތެރިޔަކު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1994ގައި އެއް މެޗެއްގައި ދެ ޓީމުގެ ޖާޒީ ނަންބަރު 13 ކާމިޔާބުކުރި ލަނޑުތަކަކީ ޖަރުމަނުގެ ވޮލާ އާއި ބެލްޖިއަމްގެ ގްރޫން ޖެހި ލަނޑުތަކެވެ.

އިކުއެޑޯއަށް ލީޑު ނަގައިދިން ލަނޑު އެނާ ވެލެންސިއާ ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނެޓްގައެވެ. މި ލަނޑު އެނާ ވެލެންސިއާ ކާމިޔާބުކުރީ އިކުއެޑޯއަށް ލިބުނު ހިލޭ ޖެހުމަކުން އަޔޯވީ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ. އަދި މިއީ އިކުއެޑޯއަށް ކުޅުނު ނުވަ މެޗުން އޭނާ ކާމިޔާބުކޮށްދިން އެގާރަވަނަ ލަނޑެވެ.

މި މެޗުން މޮޅުވެ، އިކުއެޑޯއަށް ތިން ޕޮއިންޓް ލިބުނު ނަމަވެސް ގަދަ 16ގެ ޖާގައެއް ޔަގީންވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފްރާންސް އަތުން އެޓީމު މޮޅުވެ، ސްވިޒަލޭންޑް އަތުން ހޮންޑިއުރަސް މޮޅުވެގެންނެވެ. މި ދެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ 1:00ގައެވެ.