21 Jun 2014, 02:04
ވޯލްޑް ކަޕްގައި ފްރާންސުން ކާމިޔާބުކުރި 100 ވަނަ ލަނޑާއެކު ފަސޭހަ ކަމާއެކު 5-2 އިން ސްވިޒަލޭންޑް ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ފްރާންސުން ކަށަވަރު ކޮށްފިއެވެ.
އޮލިވިއާ ޖިރޫ، ބްލެއިސީ މަޓުއިޑީ، މެތިއު ވަލްބުއެނާ، ކަރިމް ބެންޒެމާ އަދި މޫސާ ސިސޯކޯގެ ލަނޑުތަކުން ސްވިޒަލޭންޑު އަތުން މޮޅުވި އިރު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޑިޑިއާ ޑިޝެމްޕްސްގެ "ލެސް ބްލެއަސް"އަށް ވަނީ ގްރޫޕް އީގެ އެއްވަނަ ލިބިފައެވެ.
ސެލްވަޑޯގެ އެރީނާ ފޮންޓޭ ނޯވާގައި ކުޅުނު ފޯރިގަދަ މެޗުގައި ޖުމުލަ ހަތް ލަނޑު ފެނިގެން ގޮސްފައި ވާ އިރު މެޗުގެ 17 ވަނަ މިނިޓުގައި ސްވިޒަލޭންޑުގެ ގޯލް ހުޅުވާލުމުގެ ގޮތުން އާސެނަލްގެ ފޯވާޑް ޖިރޫ ޖަހައިދިން ލަނޑަކީ ވޯލްޑް ކަޕްގައި މިހާތަނަށް ފްރާންސް ޖެހި ލަނޑު ތަކުގެ ތެރެއިން 100 ވަނަ ލަނޑެވެ.
މުބާރާތުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި ހޮންޑިއުރަސްގެ ގޯލް ހުޅުވާލުމަށް 45 މިނިޓުގެ ކުޅުމާއެކު ޕެނަލްޓީއެއް ބޭނުންވި ނަމަވެސް މިރޭ އެޓީމުން ވަނީ، ޕެނަލްޓީއެއް ބޭކާރު ކޮށްލުމަށް ފަހު ވެސް ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ.
މެޗުގެ 16 ވަނަ މިނިޓްގައި ސްވިޒަލެންޑް ގެ ގޯލަށް ބެންޒެމާ ފޮނުވާލި ނުރައްކާތެރި ހަމަލާގެ އައްޑަނައަކަށް ވީ ޖަރުމަނުގެ ހެމްބާގަށް ކުޅޭ ޑިފެންޑަރު ޔޮހާން ޑިޖޯރޫއެވެ. އެހެން ނަމަވެސް އޭގެ ސިކުންތުކޮޅެއް ފަހުން، ވަލްބުއެނާ ނައިގައިދިން ކޯނަރެއް ޖިރޫގެ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން ފްރާންސަށް ކުރި ހޯދައިދިނީ މެޗުގެ 17 ވަނަ މިނިޓުގައެވެ.
ފްރާންސްގެ ފުރަތަމަ ލަނޑު ޖެހިތާ މިނިޓެއްގެ ތެރޭގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ސްވިސްގެ ވެލޮން ބްރެހިމީ، މެދު ރޮނގުމަތިން ބޯޅަ ކޮށްޓާލަން ޖެއްސި ބޯޅަ "ދުމެއްޖަހާފައިގޮސް" ދަމައިގަނެގެން ބެންޒެމާ ތަނަވަސް ކޮށްދިން ފުރުސަތަކުން މަޓުއިޑީ އެވެ.
ފުރަތަމަ ހާފުގައި ސްވިސްއިން އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާގައި ފްރާންސްގެ ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް، ލައިންސްމަން ވަނީ، ގްރެނިޓް ޒާކާ ފްރާންސް ގޯލަށް ބޯޅަ ފޮނުވާލި އިރު ހުރީ އޮފްސައިޑުގައި ކަމަށް ދައްކައިފައެވެ.
ފްރާންސަށް މެޗުގެ ނަތީޖާ އިތުރަށް ފުޅާކުރުމަށް ފުރުސަތު ލިބިގެން ދިޔައީ، 31 ވަނަ މިނިޓްގައި ސްވިސް ޕެނަލްޓީ އޭރިޔާ ތެރެއިން ބެންޒެމާއަށް ޖޫރޫ ފައުލު ކުރުމާ ގުޅިގެން ރެފްރީ ދިން ޕެންލަޓީ އިންނެވެ. އެހެން ނަމަވެސް ސްވިސް ކީޕަރު ޑިއެގޯ ބެނަގްލިއޯ ވަނީ ބެންޒެމާ ފޮނުވާލި ބާރު ޕެނަލްޓީ މަތަކޮށްފައެވެ. ބެނަގްލިއޯ ވަނީ މި މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
ފްރާންސްގެ ތިން ވަނަ ލަނޑު މެޗުގެ 40 ވަނަ މިނިޓްގައި ވަލްބުއެނާ ކާމިޔާބުކުރީ، ސްވިސް ޕެނަލްޓީ އޭރިޔާތެރެއިން ޖިރޫ ތަނަވަސް ކޮށްދިން ރީތި ފުރުސަތަކުންނެވެ.
ދެވަނަ ހާފުގެ ކުޅުން 3-0 ގެ ލީޑަކާއެކު ފެށި ފްރާންސުން އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ، 67 ވަނަ މިނިޓުގައެވެ. ސްވިސް ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ބެންޒެމާއަށް ޕައުލް ޕޮގްބާ ވައްޓާލަދިން ތްރޫޕާސް، ސްވިސް ގޯލްގެތެރެއަށް ރެއާލް މެޑްރިޑް ފޯވާޑް ފޮނުވާލީ ވަރަށް ހިތްގައިމުކޮށެވެ.
ފްރާންސްގެ ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ، ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 73 ވަނަ މިނިޓްގައި ސިސޯކޯއެވެ. މި ލަނޑާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ސްވިޒަލޭންޑް ގޯލަށް ވަން ބޯޅައިގެ އަދަދު ވަނީ، އެޓީމު ގެ ގޯލަށް މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ވަން ލަނޑުގެ އަދަދާ އެއްވަރު ވެފައެވެ. އެއީ ހަ ލަނޑެެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ފަހު ދިހަ މިނިޓް ތެރޭގައި ސްވިޒަލެންޑަށް ސުން ކަނޑުވާލަދިން ލަނޑު ޖަހައިދިނީ، އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ބްލެރިން ޒެމައިލީ އެވެ. އިޓަލީގެ ނަޕޯލީއަށް ކުޅޭ މިޑްފީލްޑަރު ފޮނުވާލި ބާރު ހަމަލާ ދިޔައީ ފްރާންސްގެ "ޑިފެންސިވް ވޯލް" ފޫއަޅުވާލާފައި ކީޕަރު ހޫގޯ ލޮރިސްގެ އަތް ކައިރިން ލާފައެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ގޯޚާން އިންލާ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 87 ވަނަ މިނިޓުގައި ޖަހައި ދިނީ، ޒާކާއެވެ.
ގްރޫޕް ސްޓޭޖްގައި ފްރާންސް ކުޅޭ ފަހު މެޗުގައި މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 1:00ގައި އިކުއޭޑޯއާ ދެކޮޅަށް ނުކުންނައިރު ހަމަ އެ ގަޑީގައި ސްވިޒަލޭންޑް ނުކުންނާނީ ހޮންޑިއުރަސްއާ ދެކޮޅަށެވެ.