21 Jun 2014, 00:46
އިންސާނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހާލަތު، ވަޒަން ކުރަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަހަރަކު އެއްފަހަރު އެކުލަވާލާ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓުން ހަތަރު އަހަރަށްފަހު ރާއްޖެ އުނިކޮށްފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިއަހަރު ނެރުނު ޓްރެފިކިން އިން ޕާސަން (ޓިޕް)ގައި ހިއުމަން ޓްރެފިކިން ހުއްޓުވުމަށް މަސައްކަތް ނުކުރާ ލިސްޓުން ރާއްޖެ އުނިކުރުމަށްފަހު، ރާއްޖެ ހިމަނާފައި ވަނީ ހިއުމަން ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ތެރޭގަ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން ހިއުމަން ޓްރެފިކިންގެ ހާލަތު ގޯސް ގައުމުތައް ހިމެނީ "ޓަޔާ 2 ވޮޗް ލިސްޓް"ގަ އެވެ. އެ ލިސްޓުގައި ހިމެނޭ ގައުމުތަކަކީ ހިއުމަން ޓްރެފިކިން ހުއްޓުވުމަށް އެންމެ އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާ ގައުމުތަކެވެ.
ރާއްޖެ މިހާރު ހިމެނިފައިވާ "ޓަޔާ 2"ގެ ލިސްޓަކީ ހިއުމަން ޓްރެފިކިންގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުންދާ ގައުމުތައް ހިމެނޭ ލިސްޓެވެ. މީގެ ހަތަރު އަހަރު ކުރިން 2009 ވަނަ އަހަރު ރާއްޖެ އޮތީ އެ ލިސްޓުގަ އެވެ.
ހިއުމަން ޓްރެފިކިންގެ ވޮޗްލިސްޓުގެ ދެ ވަނަ ދަރަޖައިން ރާއްޖެ އެއް ދަރަޖަ ކުރިއަށް ޖެހުމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ހިއުމަން ޓްރެފިކިން އިން ރާއްޖެއަށް ކުރިއެރުމެއް ލިބުމުން ދައްކުވައިދެނީ "މިނިފާރި" (ހިއުމަން ޓްރެފިކިން) ހުއްޓުވުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ މިންވަރު ކަމަށެވެ.
ޓްރެފިކިން އިން ޕާސަން (ޓިޕް)ގެ މިއަހަރުގެ ރިޕޯޓުގައި ރާއްޖެއާއި ބެހޭގޮތުން ބުނެފައިވާ ގޮތުން ރާއްޖޭގައި ގިނަ ބިދޭސީނަށް އެ މީހުންގެ ޕާސްޕޯޓް ފަދަ ލިޔުންތައް ނުދީ ހިފަހައްޓައި އަދި މަސައްކަތްކުރުމަށްފަހު ފައިސާ ނުދީ ހިފައްޓަ އެވެ.
މީގެ އިތުރުން، ގޭތެރޭގެ މަސައްކަތްތައް ކުރަން އަތޮޅު ތެރޭން ކުދިން މާލެ ގެނެސް، ގަދަކަމުން މަސައްކަތްކުރުވާ ބައެއް ފަހަރު ޖިންސީ ގޯނާ ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހިއުމަން ޓްރެފިކިންގެ އަމަލުތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް މަޖިލީހުން ފާސްކުރި "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު" ތަސްދީގުކޮށްފައިވާތީ އެކަން ވެސް ޓްރެފިކިން އިން ޕާސަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާދޭނެ ސެންޓަރެއް ސަރުކާރުން ހުޅުވިކަން ފާހަކޮށްފައިވެއެވެ.
މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި މެދު މީހުން ހޭލުންތެރިކުރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެ އެތެރެކުރާ ކުންފުނިތައް ބްލެކްލިސްޓު ކުރުމުގެ އިތުރުން ޓްރެފިކް ކުރި މީހަކާއި މެދު ފުރަތަމަ ފަހަރަށް ރާއްޖޭގައި ފިޔަވަޅު އަޅާފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ހިއުމަން ޓްރެފިކިންގެ ގާނޫނު އެދެވޭ ފެންވަރެއްގައި ފުލުހުންނާއި އަދި އެހެނިހެން އޮފިޝަލުން ވެސް ތަމްރީން ކޮށްފައިނުވާއިރު، ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް އެކަމާއި ގުޅޭގޮތުން އެދެވޭ މައުލޫމާތު ދީފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ޓްރެފިކިން އިން ޕާސަންސްގެ ރިޕޯޓުގައި ހިއުމަން ޓްރެފިކިންގެ ހާލަތު ގޯސް ގައުމުތަކުގެ ތެރެއިން އެ މައްސަލަ ހައްލުކުރަން އެންމެ އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގޮސްފައިނުވާ ގައުމުތައް ހިމެނޭ "ޓަޔާ 2 ވޮޗް ލިސްޓް" އިން ރާއްޖެ އުނިވެފައިވާއިރު، ރާއްޖެއާއި އެކު 15 ގައުމެއް ވަނީ އެ ލިސްޓުން އުނި ކޮށްފަ އެވެ.
އޭގެ ތެރޭގައި ވޭތުވެދިޔަ ތިން އަހަރުވެސް ވޮޗްލިސްޓުގައި އޮތް އަފްޣާނިސްތާނާއި ބާބޮޑަސް އާއި ޗެޑާއި ލައިބީރިއާއި މައިކްރޯނެސިއާ ހިމެނެ އެވެ. އަދި ވޭތުވެދިޔަ ތިން އަހަރު "ޓަޔާ 3" ގައި އޮތް ސޫދާން ވެސް ވަނީ މިއަހަރުގެ ރިޕޯޓްގައި "ޓަޔާ 2" އަކަށް އަރާފަ އެވެ.
ހިއުމަން ޓްރެފިކިންގެ ހާލަތު އެންމެ ގޯސް ގައުމުތައް ހިމެނެނީ "ޓަޔާ 3" ކެޓަގަރީއެވެ. އެ ލިސްޓަށް މިފަހަރު ވެއްޓިފައިވާ ގައުމުތަކުގެ ތެރޭގައި ތައިލޭންޑް، މެލޭޝިއާ، ވެނެޒުއޭލާ އަދި ގެމްބިއާ ހިމެނެ އެވެ.