20 Jun 2014, 22:56
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ، ވަރުގަދަ އިޓަލީ އަތުން 1-0 ލަނޑުން މޮޅުވެ ކޮސްޓާ ރިކާ މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރިއިރު، އިނގިރޭސީން މުބާރާތުން ކަޓައި، އިޓަލީއާ އުރުގުއޭއަށް "މަރުގެ ހިފުމަކާ" ކުރިމަތިލާން ޖެހިއްޖެ އެވެ.
ބްރެޒިލްގެ ރިސިފޭގެ އެރީނާ ޕެރްނަމްބުޝޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު، މެޗުގެ 44 ވަނަ މިނިޓުގައި ކޮސްޓަރިކާއަށް ކަމިޔާބުކޮށްދިނީ އެޓީމުގެ އެޓޭކިން މިޑްފީލްޑަރު އަދި ކެޕްޓަން ބްރިޔަން ރުއިޒް އެވެ. އޭނާ އެލަނޑު އިޓަލީ ކޮޅަށް ވައްދާލީ ވޮލުން ޖަހައެވެ. ނަމަވެސް ރުއިޒް ވޮލުން ޖެހި ބާރު ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމުން ރެފްރީ ވަނީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގައި އެއީ ގޯލެއް ކަމަށް ނިންމާފައެވެ.
ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި އިޓަލީއަށް މެޗުގެ ލީޑް ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 33 ވަނަ މިނެޓުގައި އިޓަލީގެ ހުނަރުވެރި ފޯވާޑް ބަލޮޓެލީއަށް ލަނޑުޖަހަން ލިބުނު ފުރުތަސު ނާކާމިޔާބު ވިއިރު، އިޓަލީން މެޗުގެ ފުރަތަމަ ހާފުގައި ކޮސްޓަރިކާ ކޮޅަށް އުފެއްދި ބާރު ހަމަލަތައް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ އުމުރުން 27 އަހަރުގެ ގޯލް ކީޕަރު ނާވަސް ވަރަށް ހުށިއާރު ކަމާއެކު ދިފާއު ކުރިއެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތައް ދެ ވަނަ ހާފުގައި ވެސް އިޓަލީން ނަތީޖާ ހަމަހަމަ ކުރުމަށް ކޮސްޓާރިކާގެ ގޯލަށް ނުރައްކާތެރި އެތަކެއް ހަމަލަތަކެއް އުފައްދަމުން ދިޔައެވެ. ނަމަވެސް އިޓަލީގެ ގިނަ ހަމަލަތައް ގޯލްގެ ބޭރަށް ދިޔައިރު، ގޯލާ ދިމާލަށްއާ މަދު ބޯޅަތައް ދިފާއުކުރުމުގައި ކޮސްޓަރިކާގެ ގޯލްކީޕަރު މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ.
މީގެ ކުރިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި މިދެ ޓީމް ބައްދަލުކޮށްފައި ވަނީ މީގެ 29 އަހަރު ކުރިންނެވެ. އެފަހަރު ކޮސްޓަރިކާގެ މައްޗަށް އިޓަލީން ކުރި ހޯދާފައި ވަނީ 2-0 ލަނޑުންނެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖް ގައި ކޮސްޓަރިކާ ކުޅުނު މެޗުން އެޓީމް މޮޅުވެފައި ވަނީ 3-1 ލަނޑުންވެ. މިރޭގެ މެޗުން މޮޅުވެ، ދެ ވަނަ ބުރު ކޮސްޓަރިކާއިން ކަށަވަރު ކޮށްފައިވާއިރު، ގްރޫޕްގެ އެއް ވަނަ މަގާމްގައި ކޮސްޓަރިކާ އޮތީ ގްރޫޕްގައި ބާކީ އެއް މެޗް ކުޅެން އޮއްވާ ހަ ޕޮއިންޓާއެކު އެވެ.
ގްރޫޕް ސްޓޭޖްގައި ކޮސްޓަރިކާ ކުޅޭ އެންމެ ފަހު މެޗުގައި މިމަހުގެ 24 ވަނަ ދުވަހު ނުކުންނާނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުން ވެސް ބަލިވެ، މުބާރާތުން މިހާރު ކަޓާފައިވާ އިންގްލޭންޑާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ބްރެޒިލްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އެސްޓާޑިއޯ މިނެއިރާއޯ ސްޓޭޑިއަމްގައެވެ.