މިފަހަރުގެ ވޯލްޑް ކަޕުން ސްޕެއިން ކެޓުމާ އެކު "ޓިކި-ޓަކާ" ފުޓްބޯޅައިގެ ނިމުން އަތުވެއްޖެ ކަމަކަށް ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ.

ފާއިތުވެ ދިޔަ 10 އަހަރު ތެރޭގައި ދުނިޔޭގެ ފުޓްބޯޅަ "ޑޮމިނޭޓް" ކުރި ސްޕެއިން މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމާއެކު އެޓީމަށް ވަނީ ތަފާތު ފާޑުކިޔުންތައް އަމާޒު ވެފައެވެ. ބޯޅަ ހިފަހައްޓައިގެން ސްޕެއިން ކުޅުނު ރީތިކުޅުން "ޓިކި-ޓަކާ" ސްޓައިލް، ގިނަބަޔަކަށް އިނގޭ ކަމަށާއި އިދިކޮޅު ޓީމުތަކުން އެ ކުޅުން ވަރަށް ރަނގަޅަށް ދަސްކޮށްފައި ވާ ކަމަށް ތަޖުރިބާ ކާރުން ދެކެއެވެ.

އެންމެ ފަހުން އިގިރޭސިވިލާތާ ދެކޮޅަށް އިޓަލީން ދެއްކި ރީތި ކުޅުމުގެ ސަބަބުން "ޓިކިޓާލިއާ" އުފަން ވަނީ ކަމަށް ބައެއް ކުޅިވަރު މީޑިޔާތުކުން ބުނަން ފަށައިފިއެވެ.

އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީ ވަނީ 554 ޕާސް ޖަހައިފައެވެ. އެއީ މެޗުގައި ޖުމްލަ ރޭޓަށް ބަލާއިރު 93.2 ޕަސެންޓެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން އެ މިފަދަ ގޮތަކަށް ޕާސިން ރޭޓް މަތިވި އެއްމެޗެވެ. އިޓަލީ މިފަހަރު ކުޅުނު ފުރަތަމަ މެޗުގައި ވެސް އެޓީމުގެ މެދެތެރެއަށް ކުޅެމުން އަންނަ އަންދްރޭ ޕިރްލޯ އެކަނި 108 ޕާސް ދީފައިވެއެވެ. އަދި އޭގެ ތެރެއިން 59 ޕާސް ދީފައިވަނީ އަމިއްލަ ހާފުގައެވެ.

އިޓަލީ މިފަހަރު ވާދަކުރަމުން އަންނަ ގްރޫޕުގައި އެޓީމާ ދެކޮޅަށް ނުކުންނަ ޓީމުތަކުގެ ކުޅުންތެރިން ސިފަކުރާ ގޮތުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް، އިޓަލީ ކާމިޔާބު ކުރިއިރު އެޓީމުން ދެއްކި ކުޅުމާއި މިފަހަރުގެ ވޯލްޑް ކަޕްގައި ދައްކަމުންދާ ކުޅުން ދާދިއެއްގޮތް ކަމަށެވެ. ވަރުގަދަ ޑިފެންސް ލައިނެއް އޮތް އިޓަލީ ޓީމުގެ އެޓޭކިން ވެސް ވަނީ އެހާމެ ވަރުގަދަކޮށްފައެވެ.