20 Jun 2014, 22:13
ފާއިތުވި އަށް އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކޯޗުކޮށްދިން އިސްމާއިލް މަހްފޫޒް (އިންމަ) ކޯޗު ކަމުން ރޭ އިސްތިއުފާ ދިނުމުން، އެ ކްލަބުގެ ކޯޗަކަށް މީގެ ކުރިން ވިބީއަށް ކޯޗްކަން ކޮށްދިން ތުރުކީގެ ޖޭން ވަންލީ ގެންނަން އެކުލަބުން މަސައްކަތް ކުރާކަމުގެ އަޑުތަކެއް އަރައިފި އެވެ.
މާޒިޔާގެ އިސް އޮފިޝަލަކު ނަންނުޖެހުމަށް ޝަރުތުކޮށް ބުނީ، ހުސްވެފައިވާ މަޒިޔާގެ ކޯޗު ކަމަށް ތުރުކީގެ ޖޭން ވަންލީ ގެނައުމަށް އެ ކުލަބުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވަންލީ ވީބީގެ ކޯޗް ކަމާ ހަވާލުވީ 2010 ވަނަ އަހަރު އެވެ. އަދި ވީބީގެ ކޯޗް ކަމުގެ މަގާމާ ވަންލީ ހަވާލުވި ތިން އަހަރު ދުވަހުގެ ތެރޭގައި އޭނަ ވަނީ ވީބީއަށް ގިނަ ކާމިޔާބީތައް ހޯދަދީފައެވެ. އެގޮތުން ދިރާގު ދިވެހި ލީގުވެސް ވަންލީގެ އިރުޝާދުގެ ދަށުން ވީބީން ތިން އަހަރު ހޯދިއިރު، 2011 ވަނަ އަހަރުގެ އެފްއޭކަޕްގެ ތަށި ވެސް ވީބީން ހޯދީ ވަންލީގެ ކޯޗް ކަމުގެ ދަށުންނެވެ. އަދި ވަންލީ ވީބީގެ ކޯޗް ކަމުން ވަކިކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ފަހު ކޮޅުގައެވެ.
މިކަމާ ގުޅިގެން މާޒިޔާގެ އެހެން އޮފިޝަލަކަށް ސަން އިން މިރޭ ގުޅާ ލުމުން އޭނަ ވަނީ އެކަން ދޮގު ކޮށްފައެވެ. އަދި މާޒިޔާއަށް ގެންނަން އުޅެނީ ކޮން ކޯޗެއް ކަމެއް އޭނަ ނުބުންޏެވެ.
މާޒިޔާގެ ކޯޗް ކަމުން އިންމަ އިސްތިއުފާ ދިނީ ދިރާގު ދިވެހި ލީގުގައި އިއްޔެ ބީޖީ ސްޕޯޓްސް އާއި މާޒިޔާ 2-2 އިން އެއްވަރުވި މެޗަށް ފަހު އެވެ.