އިރާން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކާލޯސް ކުއިރޯޒް މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ފަހު އެޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދޭން ނިންމާފައި ވާކަން އޭނާ މިއަދު ހާމަކޮެއް ފިއެވެ. އިސްތިއުފާދޭ މައިގަނޑު ސަބަބެއްކަމަށް އޭނާ ބުނެފައި ވަނީ އީރާން ސަރުކާރުން ގައުމީ ފުޓްބޯޅަ ޓީމަށް މާލީގޮތުން އެހީ ނުދޭތީ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައިވާ ކުއިރޯޒް ބުނީ ސަރުކާރުން ގައުމީ ފުޓްބޯޅަ ޓީމަށް އެއްވެސް ވަރެއްގެ އަހައްމިއްޔަތުކަމެއް ދީފައި ނުވާ ކަމަށާއި އެގައުމުގެ ކުޅިވަރަށް ވަރަށް ބޮޑަށް ސިޔާސީ ކަންތައްތަކުގެ ހިޔަނި އެޅިފައި ވާ ކަމަށެވެ.

"އަހަންނާ ޓީމާ ދެތެރޭ އޮތް ހުރިހާ ކަމެއް ނިމިގެން ދާނެ ވޯލްޑް ކަޕާއެކު. ސަރުކާރުން އެއްވެސް ވަރެއްގެ އެހީތެރިކަމެއް ނެތް. އަހަރެން ނިންމައިފިން ދެން އިތުރަށް މަޑުނުކުރުމަށް،" އުމުރުން 61 އަހަރުގެ ކުއިރޯޒް ބުނިއެވެ.

އިރާންގެ ގައުމީ ފުޓްބޯޅަ ޓީމާ 2011 ވަނަ އަހަރު ހަވާލުވި ކޯޗު، އަންނަ އަހަރުގެ ޖެނުއަރީގައި އޮސްޓްރޭލިޔާގައި އޮންނަ އޭޝިޔަން ކަޕާ ހަަމަޔަށް ވެސް އީރާން ޓީމުގެ ކޯޗު ކަމުގައި ހުންނާކަން ބޭނުމެއް ނުވެއެވެ.

އީރާން ޓީމާ ދުރަށް ދިޔަ ނަމަވެސް ކުއިރޯޒް، އެހާ ވަހަށް ރިޓަޔާ ކުރާން ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ. އަދި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރަތެއްގައި ތަފާތު ހަތަރު ޓީމަކަށް ކޯޗުކަން ކޮށްދޭ ފުރަތަމަ ކޯޗަށް ވާން ބޭނުން ވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކުއިރޯޒް ފާހަގަކުރި ގޮތުގައި ކްލަބް ލެވެލްގައި ކޯޗުކަން ކުރުމަށް ވުރެ ގައުމީ ޓީމުތަކަށް ކޯޗުކަން ކުރުން މާ ފަސޭހައެވެ. ކްލަބް ލެވެލްގައި އިނގިރޭސިވިލާތުގެ ކްލަބް ތަކުންނާއި ބްރެޒިލްގެ ކްލަބް ތަކުން ހުށެހެޅުންތައް ލިބެމުން ދާކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެފަދަ ފުރުސަތުތައް ދޫކޮށްލަނީ ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތުން އެފަދަ މަގާމެއްގައި މަސަައްކަތް ކުރެވެން ނެތުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

އިރާނު ޓީމު ގޮަވައިގެން މިފަހަރުގެ ވޯލްޑް ކަޕަށް އައުމުގެ ކުރިން ކުއެރޯޒް ވަނީ 2002 ވަނަ އަހަރު ދެކުނު އެފްރިކާ އަދި 2010 ވަނަ އަހަރު ޕޯޗުގަލްއަށް ކޯޗުކަން ކޮށްދީފައެވެ.