ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ބިލުގައިވާ އެއްވެސް މާއްދާއަކުން ޖިނާއީ މައްސަލަތައް ބެލުމަށް ހުރަސްނޭޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.


ރިޔާޒު ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުގެ ނިމުނު ދައުރުގައި އެ މަޖިލީޙުން ފާސްކުރި، އިމްތިޔާޒުގެ ބިލުގައި މެންބަރުންނަށް ބޮޑެތި އިމްތިޔާޒުތަކެއް ލިބިދޭ ކަމަށާއި، އެ ބިލުން ޖިނާއީ މައްސަލަތައް ބެލުމަށް ހުރަސްއެޅޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ ބައެއް މެންބަރުންނާއި ގާނޫނީ ބައެއް ވަކީލުން ފާޑުވިދާޅުވަމުން ގެންދަވާކަން ފާހަގަ ކުރައްވައި، ނެރުއްވި ބަޔާނެއްގައި ރިޔާޒު ވިދާޅުވީ، އެބިލު މަޖިލީހަށް ހުށަހެޅުއްވީ، މެންބަރުންގެ އިމްތިޔާޒު ކަނޑައެޅުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ކުރާ ކަމަކަށް ވެފައި ގާނޫނު އަސާސީގެ 17ވަނަ މާއްދާގެ (ށ) އިން އެ ފުރުސަތު ލިބިފައިވާތީ ކަމަށެވެ. އަދި ބިލު މަޖިލީހަށް ހުށަހެޅުވިއިރު މެންބަރުންގެ މުސާރަ ބޮޑުކުރުމާއި ޑިއުޓީ ފްރީކޮށް ކާރު އެތެރެކުރުމާއި މެންބަރުންގެ ޕެންޝަންގެ ވާހަކަ ހިމަނާފައި ނުވާނެ ކަމަށާއި، މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ، ކޮމިޓީން ބިލު ދިރާސާކޮށް މެންބަރުން ގެންނެވި އިސްލާހްތަކާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ބިލުގައި ހިމަނާފައި ވަނީ، ގައުމުގެ މިހާރުގެ ހާލަތަށްބަލައި، ނުފޫޒުތަކުން އެއްކިބާވެ ތިބެ މެންބަރުކަމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް، އަދާކުރެވޭނެ މާހައުލެއް ގާއިމްކުރުމަށް ލިބެން ޖެހޭ ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރުކަމަށް ވެސް ރިޔާރު ވިދާޅުވި އެވެ.


މެންބަރުންގެ ކޮމިޓީ އެލަވަންސްގެ ގޮތުގައި، 20،000 ރުފިޔާ އިތުރު ކުރުމަށް ހިމަނާފައި ވަނީ އިމްތިޔާޒުގެ ބިލުގައިކަމަށް ބުނެ، ހަގީގަތް އޮޅޭގޮތަށް ބައެއް މެންބަރުންނާއި އަމިއްލަ ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާކަން ފާހަގަ ކުރައްވައި އެކަން ނުކުރުމަށް، ވެސް ރިޔާޒުގެ ނޫސްބަޔާނުގައި ވަނީ އެދިވަޑައިގެންފަ އެވެ. އަދި ކޮމިޓީ އެލަވަންސް ލިބޭގޮތަށް މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތް ކަނޑައަޅަން ޖެހޭ ފަރާތްތަކުގެ އޮނިގަނޑު ކަނޑައެޅުމުގެ ތެރޭގައި ކަމަށާއި، އެ އޮނިގަނޑު ފާސްކުރުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓު ދެއްވި މެންބަރުން އެކަމާދެކޮޅަށް މާ ޖަޒުބާތީ ގޮތެއްގައި މިހާރު ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށްވެސް، އެ އޮނިގަނޑު ފާސްކުރަން ވޯޓު ނުދެއްވި ހަތަރު މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޔާޒު ވިދާޅުވި އެވެ.


ކޮމިޓީ އެލަވަންސްގެ ގޮތުގައި 20,000 ރުފިޔާ، އޮނިގަނޑުގައި ކަނޑައަޅާފައިވާ މައްސަލައާއި، އިމްތިޔާޒުގެ ބިލުން މެންބަރުންނަށް ބޮޑެތި އިމްތިޔާޒުތަކަކާއި އިނާޔަތްތަކެއް ލިބިދީފައިވާ ކަމަށް ބުނެ މަޖިލީހުގެ ބައެއް މެންބަރުންނަށް އާއްމުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި މަޖިލިސް ކައިރީ މުޒާހަރާ ވެސް ކޮށްފައި ވެއެވެ.


މި ބިލުން މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގެ ތެރޭގައި ނުވަތަ ޖަލްސާއަށް ހާޒިރު ވަނިކޮށް އަދި އެފަދަ ތަނަކުން އެނބުރި ރުޖޫއަ ވަނިކޮށް އެއްވެސް މައްސަލައެއްގައި މެންބަރަކު ހައްޔަރުކޮށް ބަންދެއް ނުކުރެވޭނެ އެވެ. އަދި މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ހާލަތުގައި އެ މެންބަރަކު ޗެކް ކޮށް ބަލައި ފާސްކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހުއްދަ ލިބިގެންނެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެއްދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި މުސާރައިގެ 30 ޕަސެންޓް، ދެ ދައުރަށް 45 ޕަސެންޓް ތިން ދައުރު ހަމަކުރާ މެންބަރަކަށް މުސާރައިގެ 60 ޕަސެންޓް މާލީ އިނާޔަތުގެ ގޮތުގައި ދއުލަތުން ދޭންޖެހޭނެ ކަމަށް ބިލުން ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން މަޖިލީހުގެ ކޮންމެ މެންބަރަކަށް ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެއްކާރު ޑިއުޓީ ފްރީކޮށް ރާއްޖެ ގެނައުމުގެ ފުރުސަތު ދައުލަތުން ދޭންވާނެ  ކަމަށާއި، އެ ގޮތުން ގެންނަ ކާރެއް ވިއްކާލައި، މީހަކަށް ދީފި ނަމަ އެކާރެއް ގެނައުމަށް ދައުތަށް ދައްކަން ޖެހޭ ޑިއުޓީ ދައްކަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. އަދި މެންބަރުންގެ އިމްތިޔާޒުތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތަކަށް އަރައިގަންނަ ފަރާތްތަކަށް ދޭންޖެހޭ އަދަބުތައް ވެސް މި ބިލުން ކަނޑައަޅާފައިވެ އެވެ.


ކޮމެޓީން ބިލަށް ގެނައި އިސްލާހާ އެކު ބިލް ފާސްކުރުމަށް ރިޔާޒު ވެސް ވޯޓް ދެއްވި އެވެ.