20 Jun 2014, 21:59
މެލޭޝިއާގެ ޕްރިމިއާލީގު (ދެވަނަ ޑިވިޝަން) ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭޝިއާއަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅުނު މެޗުން 4-0 ލަނޑުން ނެގްރީ ސެމްބިލަން ބަލިކޮށް ލީގު ޗެމްޕިއަންކަން ޕީޑީއާރުއެމްއިން ހޯދައިފި އެވެ.
ރާއްޖޭގެ ކެޕްޓަން ދަނގަޑޭގެ އިތުރުން، މިއަދުގެ މެޗުގައި ސެމްބިލަން ކޮޅަށް ޕީޑިއާރުއެމްގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފަސްވަނަ މިނެޓްގައި ބޮބީ އާ 39 ވަނަ މިނެޓްގައި ފައުޒީ އަދި 69 ވަނަ މިނެޓްގައި ޝަރިލް އެވެ.
މިއަދުގެ މެޗުގައި ޕީޑީއާރުއެމްގެ ތިން ވަނަ ލަނޑު ސެމްބިލަން ކޮޅަށް ދަގަނޑޭ ޖަހާފައި ވަނީ މެޗުގެ 48 ވަނަ މިނިޓުގައެވެ.
މިއަދުގެ މެޗުން މޮޅުވެ، ޕީޑީއާރުއެމް ލީގްގެ ޗެމްޕިއަންކަން ހޯދިއިރު، އެޓީމަށް ލީގުގައި ބާކީ އެއް މެޗް ކުޅެން އެބައޮތެވެ.
މެލޭޝިއާގެ ޕްރިމިއާލީގުގައި ޖުމްލަ 12 ޓީމް ވާދަކުރާއިރު ދަނގަޑޭ ކުލޭ ޕީޑީއާރުއެމްއިން މިހާތަނަށް ޖުމްލަ 21 މެޗެއް ކުޅެފައިވާއިރު އެއް ވަނަ މަގާމް ގައި ޕީޑީއާރުއެމް އޮތީ 52 ޕޮއިންޓާއެކު އެވެ. ލީގުގެ ދެ ވަނަ މަގާމް ގައި އޮތީ 42 ޕޮއިންޓާއެކު ފެލްޑާ އެވެ.
މެލޭޝިއާގެ ޕްރިމިއާލީގުގައި ޕީޑީއާރުއެމް ކުޅޭ އެންމެ ފަހު މެޗުގައި އަންނަ އަންގާރު ދުވަހު އެޓީމް ނުކުންނާނީ ކެޑާ އާއި ދެކޮޅަށެވެ.
ޕީޑީއާރުއެމްއިން ލީގުގެ ޗެމްޕިއަންކަން މިއަދު ކަށަވަރު ކުރިއިރު، އެޓީމް ދެން ދަތުރު ކުރާނީ މެލޭޝިއާގެ ފުރަތަމަ ޑިވިޝަންގެ ސުޕަލީގަށެވެ.