20 Jun 2014, 21:19
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީ ސްޕޯޓްސް ކުލަބަށް އެންމެ ފަހުން ކޯޗް ކޮށްދިން ސްލޮވާކިޔާގެ ކޯޗް ވަލްޑަމީރު ގޮފާއަށް އެކުލަބުން ދޭން ޖެހޭ މުސާރަ އަދިވެސް ދީފައިނުވާ ކަމަށް އޭނާ ބުނެފިއެވެ.
ވިކްޓަރީން ދޭން ޖެހޭ މުސާރަ ދީފައިނުވާ ކަމަށް ބުނެ މިއަހަރުގެ ކުރީ ކޮޅުވެސް އޭނާ ވަނީ ސަންއާ އެ މައުލުމާތުތައް ހިއްސާ ކޮސްފައެވެ.
ސްލޮވާކިޔާގައި ހުރެ ސަން އަށް މައުލޫމާތު ދެމުން ކޯޗް ގޮފާ މިރޭ ބުނީ، ވިކްޓަރީން ދޭން ޖެހޭ ތިން މަހުގެ މުސާރަ އަދިވެސް ދީފައިނުވާ ކަމަށާއި ކުލަބު ދޫކޮށް އެނބުރި ގައުމަށް ދާން ޖެހުނީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.
ގޮފާ ބުނީ، ވިކްޓަރީން މުސާރާ ނުދީ އޮތް މައްސަލަ ފީފާއަށް ވެސް ހުށަހަޅަން ނިންމާފައިވާ ކަމަށާއި ނަމަވެސް ވިކްޓަރީއަކީ އަބަދުވެސް ވަރަށް ލޯބިވާ ކުލަބެއް ކަމުން އަދި މަޑުކޮށްލައިގެން ހުރީ ކަމަށެވެ. ވިކްޓަރީން މުސާރަ ނުދިން މައްސަލަ ސްލޮވާކިޔާގެ ފުޓްބޯޅައާ ބެހޭ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ، ބްރެޒިލް ގައި އެންމެ ފަހުން އޮތް ފީފާގެ ކޮންގްރެސްގައި ބައިވެރިވި ސްލޮވާކިޔާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީއަށް ދަންނަވައިގެން އެކޮންގްރެސްގައި ބައިވެރިވި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އިލްހާމް އަހްމަދަށް އެވާހަކަ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
ވިކްޓަރީ އަށް ކޯޗް ކޮށްދިން ދުވަސްތަކުގައި މުސާރަ ނުލިބި އޮތީ ޖޫން ޖުލައި އަދި އޮގަސްޓް މަހުގެ މުސާރަ ކަމަށާއި އެ ތިން މަހަށް ދޭން ޖެހޭ މުސާރާގެ ޖުމްލަ އަދަދަކީ 7500 ޑޮލަރު (115،650ރުފިޔާ) ކަމަށް ގޮފާ ބުންޏެވެ.
ސަންއާ ވާހަކަ ދައްކަމުން "ވަރަށް އަސަރާ އެކު" ގޮފާ ބުނީ، ވިކްޓަރީގެ މެނޭޖްމަންޓުން ހަދަނީ ހުސްދޮގު ކަމަށާއި އެކަމާ ބެހޭގޮތުން ސުވާލުކުރުމުން "މަދަމާ ހަމަޖެހޭނެ" ކަމަށް އަބަދުވެސް ބުނަމުން އަންނަ ކަމަށެވެ.
އޭނާ ބުނީ މިހާރު ވިކްޓަރީ ހިންގުމުގައި ހަރަކާތްތެރިވާ އިސް އޮފިޝަލެއްގެ ނަންބަރު ނޭގޭތީ، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ވިކްޓަރީގެ ޗެއާމަންކަމުގެ މަގާމްގައި މިހާރު ހުންނެވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނާއިބު ރައީސް އަބްދުލްމުހުސިން ހަމީދު (ޖޭފޯ) ވިދާޅުވީ، ވިކްޓަރީގެ ޗެއާމަން ކަމާ އޭނާ ހަވާލުވެވަޑައިގަތްތާ އަދި މާގިނަ ދުވަހެއް ނުވާނެ ކަމަށާއި ވިކްޓަރީގެ ކޯޗް ކަމާ ހަވާލުވުވެވަޑައިގަތުމުގެ ކުރިން ގޮފާއަށް މުސާރަ ނުދީ އޮތް ކަން އެނގިފައި ނުވާ ކަމަށެވެ. އަދި ގޮފާއަށް މުސާރަ ނުދީ އޮތްނަމަ ކުރިއަށް އޮތް ދުވަސް ތަކުގައި އޭނާއާ ވާހަކަދެއްކުމަށްފަހު އެކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ޖޭފޯ ވިދާޅުވިއެވެ.