20 Jun 2014, 18:42
މެލޭޝިއާއަށް ދިވެހިރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ފަޔާޒް އޭނާގެ
ސަފީރުކަމުގެ ފަތްކޮޅު މެލޭޝިއާގެ ރަސްގެފާނު އަލްމުޢުތަޞިމް ބިﷲ މުޙިއްބުއްދީން ތުއަންކޫ އަލް-ހާޖް
ޢަބްދުލްހަލީމް މުޢައްތަމް ޝާހް އިބްނި އަލްމަރްހޫމް ސުލްތާން ބަދުލިޝާހަށް މިއަދު އަރުވައިފިއެވެ.
މެލޭޝިއާގެ ރަސްމީ ގަނޑުވަރު އިސްތާނާ ނިގާރާގައި މިއަދު ހެދުނު އޮތް ރަސްމިއްޔާތުގައި ދިވެހި ސަފީރުވަނީ، ދިވެހި ދައުލަތާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ދިވެހި ރައްޔިތުންގެ ހެޔޮ އެދުން މެލޭޝިއާގެ ރަސްގެފާނާއި މެލޭޝިއާގެ ރައްޔިތުންނަށް އަރުވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮން ޚާއްސަ އަދި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ދިރިއުޅެމުންގެންދާ ގައުމެއްކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދެ ގައުމުގެ ދެމެދުގައި މިހާރަށް ވުރެ ލުއި ފަސޭހަ ވިސާގެ ނިޒާމެއް ހަމަޖެހިގެންދިއުން ވެގެންދާނީ ދިވެހި ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާނެކަމެއްކަމުގައި ބަޔާންކޮށް، މިކަމުގައި ރަސްގެފާނުގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ.
އެ ބައްދަލުވުމުގައި މެލޭޝިއާގެ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ މެލޭޝިއާއާ ވަރަށް
ގާތްގުޅުމެއް އޮންނަ ޤައުމެއްކަމުގައި ފާހަގަކުރެއްވިއެވެ. އެ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ފާހަގަކުރެއްވޭކަމަށާއި ދެ ގައުމުގެ ދެމެދުގައި އިގްތިސާދި ރޮގުން ގުޅުން ބަދަހިކުރެއްވުން މުހިންމުކަމުގައި ވިދާޅުވިއެވެ. ރަސްގެފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިޔާތަށްފަހު އިސްތާނާ ނިގާރާގެ މެހްމާނުން ސޮއިކުރައްވާ ފޮތުގައި ދިވެހިރާއްޖޭގެ ސަފީރު
ސޮއިކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި މެލޭޝިއާގެ ފޮރިން މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.