20 Jun 2014, 18:12
ވިލިމާލޭ މުހްޔިއްދީން ސުކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ނާހިޔާ އިސްމާއިލް ނަސީރު ހޮވިއްޖެ އެވެ.
މުހްޔިއްދީން ސުކޫލުގައި ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ގްރޭޑް 10ސީގެ ދަރިވަރު ނާހިޔާ އިސްމާއިލް ނަސީރަށް އިނާމު ދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
މިދިޔަ އަހަރު ނެޝަނަލް ޓޮޕް ޓެންގެ ހަތަރު ވަނައިގައި ހިމެނުނު ނާހިޔާ އަކީ މުހްޔިއްދީން ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަނެވެ. އަދި ސްކޫލުގެ ސީނިއާ ޕްރިފެކްޓެއްގެ މަގާމު ވެސް އަދާކުރި ނާހިޔާއަކީ 2012 ވަނަ އަހަރު ސްކޫލުގެ އިނގިރޭސި ކްލަބް "ޒެނިތް" ގެ ރައީސާއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ، ތައުލީމީ ނިޒާމުގެ ތެރެއިން ހުނަރު ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ފައްޓަވާފައިވާ ޕްރޮގްރާމްތަކަށް ޓޫރިޒަމް މިނިސްޓްރީން އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ޓުއަރިޒަމް ދާއިރާއަށް މުވައްޒަފުން ބޭނުންވެފައިވާ ދަނޑިވަޅެއްގައި އެފަދަ ޕްރޮގްރާމްތަކުން ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށްވެސް އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު އަދީބް ވިދާޅުވީ، ސްކޫލު ދައުރުގައި ކަންކަމުގައި އިސްނަގާ ދަރިވަރުން ފެނުނު ކަމުގައި ވީނަމަވެސް، ސްކޫލު ނިންމުމަށްފަހު އެފަދަ ކުދިން ނުފެންނަ ކަމަށެވެ. އެހެންކަމުން ސްކޫލު ނިންމުމަށްފަހުވެސް އިސްނަގާ ކުދިންނަށް ވުމަށް އަދީބު ވަނީ ހުރިހާ ދަރިވަރުންނަށް އިލްތިމާސްކޮށްފައެވެ.
ރޭގެ ރަސްމިއްޔާތުގައި މުހްޔިއްދީން ސުކޫލުގެ ޓޮޕްޓެން އަށް ހޮވުނު 11 ދަރިވަރަކަށާއި ޑިސްޓިންކްޝަން ލިބުނު ތިން ދަރިވަރަކަށްވެސް ވަނީ އިނާމް ދީފައެވެ. އެ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
ނެޝަނަލް ޓޮޕް ޓެންގައި ހިމެނުނު ދަރިވަރުންނަށާއި މިދިޔަ އަހަރު އެކި ކުޅިވަރުތަކުން ވަނަތައް ހޯދި ދަރިވަރުންގެ އިތުރުން ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުން އެންމެ ރަނގަޅު ދަރިވަރާއި ކިޔެވުމުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރޭ ވަނީ އިނާމް ދީފަ އެވެ.
އެގޮތުން ރޭގެ ރަސްމިއްޔާތުގައި މިދިޔަ އަހަރު ގިނަ ވަނަތަކެއް ހާސިލް ކުރި 60 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދީފައިވެ އެވެ.
މުހުޔިއްދީން ސުކޫލަކީ 1994 ވަނައަހަރުން ފެށިގެން ކިޔަވައިދިނުމުގެ ޚިދުމަތް ދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުގައި މިއަހަރު 650 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެ އެވެ.