އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން ޚަރަދުކޮށްގެން ޓީޗަރުންނަށް އިމާރާތްކުރި "އެދުރުހިޔާ"ގެ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ޕޮއިންޓް އެއްވަރުވި މީހުންގެ މެދުގައި ގުރުއަތުލުން ނަގައިފި އެވެ.

އެދުރުހިޔާގައި ހަދާފައިވާ އެއް ކޮޓަރީގެ 15 ފްލެޓަށް އެންމެ މަތިން މާކްސް ލިބުނު 15 މީހުންނާއި ދެ ކޮޓަރީގެ 60 ފްލެޓަށް އެންމެ މަތިން މާކްސް ލިބުނު 56 މީހަކު ކުރިން ވަނީ ހޮވާފައެވެ.

ސީއެޗްއެސްސީ ހޯލުގައި ރޭ ގުރުއަތު ނަގާފައިވަނީ، ދެ ކޮޓަރީގެ 60 ޕްލެޓްގެ ތެރެއިން ބާކީ ހަތަރު ފްލެޓަށް އެންމެ މަތިން މާކްސް އެއްވަރުވި 12 މީހުންގެ މެދުގަ އެވެ.

އެއް ކޮޓަރީގެ ފްލެޓްތަކަށާއި ދެ ކޮޓަރީގެ ފްލެޓްތަކުގެ ވެއިޓިން ލިސްޓަށްވެސް ވަނީ އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން މީހުން ހޮވާފައެވެ. އެގޮތުން ކޮންމެ ގިންތިއަކުން ވެއިޓިން ލިސްޓުގައި ތިބޭނެ 10 މީހަކުވެސް ވަނީ ހޮވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ފްލެޓުތަކަށް ގުރުއަތުން ހޮވުނު މީހުންގެ ވަގުތީ ލިސްޓެއް އަންނަ ހަފްތާގެ ކުރީކޮޅު ގެޒެޓްކޮށް ޝަކުވާ ހުށަހެޅުމަށް 10 ދުވަސް ހުޅުވާލާނެ ކަމަށެވެ. އަދި ލިބޭ ޝަކުވާތަކަށްފަހު ދާއިމީ ލިސްޓު އާއްމުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެދުރުހިޔާގެ ފްލެޓްތަކަށް ޖުމްލަ 405 މީހުންގެ ކުރިމަތިލި އިރު، އޭގެން ހަތް މީހެއްގެ ފޯމް ޝަރުތުހަމަނުވާތީ ބާތިލުކޮށް 398 މީހެއްގެ ފޯމް ވަނީ ސަރުކާރުގެ ކަމާ ގުޅޭ އެކި އިދާރާތައް ހިމެނޭ ގޮތަށް އެކުލަވާލި ހަތް މެންބަރުންގެ ކޮމެޓީއަކުން މާކްސް ދީފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެދުރުހިޔާއިން ފްލެޓް ލިބޭ މީހުންނަށް ކުރިއަށް އޮތް ދެތިން ހަތަރު ހަފްތާއެއްގެ ތެރޭގައި ރަސްމީކޮށް ފްލެޓްތައް ހަވާލުކުރެވޭވަރު ވާނެ ކަމަށެވެ.

ތައުލީމީ ފަންޑުން 36 މިލިޔަން ރުފިޔާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ލޯންގެ ގޮތުގައި 26 މިލިޔަން ރުފިޔާއާ އެކު ޖުމްލަ 62 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ 10 ބުރީގެ އެދުރުހިޔާގައި ހިމެނެނީ، އެއް ކޮޓަރީގެ 18 އެޕާޓްމަންޓަކާއި ދެ ކޮޓަރީގެ 62 އެޕާޓްމަންޓެކެވެ.

އޭގެ ތެރެއިން، ޓީޗަރުންނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގައި ހިދުމަތްކުރާ ފަރާތްތަކަށް ދޫކުރަން ހަމަޖައްސާފައި ވަނީ 75 އެޕާޓްމަންޓެވެ. ބާކީ ފަސް އެޕާޓްމަންޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ގެންނަ ތައުލީމީ ދާއިރާގެ މީހުން ބޭތިއްބުމަށް ހާއްސަ އެޕާޓްމަންޓްތަކެކެވެ.