ބަޣްދާދު (ޖޫން 21): އިރާގުގެ އެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ގެ ހަނގުރާމަވެރިން ބަޣްދާދު ހިފުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށްޓަކައި އިރާގަށް އެއްގަމު މަގުން އެރުމުގެ ވިސްނުމެއް އެމެރިކާ ނުގެންގުޅޭކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ "ދާޢިޝް" ގެ ހަނގުރާމަވެރިން ހުއްޓުވުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އިރާގު ސިފައިން ކަމަށާ އެއީ އެމެރިކާ ސިފައިންގެ މަސްއޫލިއްޔަތެއް ނޫންކަމުގައެވެ. އިރާގުގެ ސުންނީ ހަނގުރާމަވެރި އެތަށް ޖަމާއަތެއް ގުޅިގެން އުފައްދާފައިވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ގެ އަތްދަށަށް އިރާގުގެ އުތުރުގެ ބައެއް ސަރަހައްދުތައް ދިޔުމާއެކު ވެރިރަށް ބަޣްދާދު ހިފައި ބޮޑުވަޒީރު ނޫރީއަލްމާލިކީގެ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން އިރާގުން ވަނީ އެޖަމާއަތުގެ ކުރިއެރުން ހުއްޓުވުމަށްޓަކައި ވައިގެ ހަމަލާތަކެއް ދިނުމަށް އެމެރިކާގެ ކިބައިން އެދިފައެވެ.

"ދާޢިޝް" ދެކޮޅަށް އަޅާނެ އަސްކަރީ ފިޔަވަޅަކާމެދު ގޮތެއްނިންމުމަށް އެތަށް ދުވަހަކު ފަސްޖެހުމަށްފަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ކުރިން އެމެރިކާ ސިފައިން އިރާގަށް އެރިގޮތަށް އެމެރިކާ ސިފައިންގެ އެތަށް ހާސްބަޔަކު ފޮނުވައިގެން އިރާގުގައި ދެވަނަ ފަހަރަށް ހަނގުރާމައެއް ފެށުމުގެ އެއްވެސް ވިސްނުމެއް މިހާރު އެމެރިކާ ނުގެންގުޅޭ ކަމުގައެވެ. ނަމަވެސް އިރާގު ސިފައިންނަށް "ދާޢިޝް" ގެ ހަނގުރާމަވެރިން ކޮންޓްރޯލް ނުކުރެވި ބަޣްދާދު ހިފުމާ ގާތަށް އެމީހުންދާނަމަ އެޖަމާއަތާ ދެކޮޅަށް މަދުއަދަދެއްގެ ވައިގެ ހަމަލާތަކެއް ދެވިދާނެ ކަމަށް އޮބާމާ ވިދާޅުވިއެވެ.

މީގެއިތުރުން ބަޣްދާދުގައިވާ އެމެރިކާގެ އެންބަސީ އާއި އިރާގުގައިވާ އެމެރިކާގެ އެހެން މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި އެމެރިކާގެ އަސްކަރީ ތަޖްރިބާކާރުންގެ 300 މީހުން އިރާގަށް ފޮނުވުމަށް ނިންމާފައިވާ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.

އޮބާމާ ވިދާޅުވީ އިރާގުގެ މައްސަލައަށް އަސްކަރީ ހައްލެއް ނެތް ކަމަށާ އިރާގުގެ ހަނގުރާމަވެރިންގެ މައްސަލަ އާއި އެގައުމުގައި ހިނގަމުންދާ މަޛްހަބީ ލޭއޮހޮރުވުންތަކުގެ މައްސަލަ ހައްލުކުރެވޭނީ އިރާގު ސަރުކާރުން އިސްނަގައިގެން އިރާގުގެ ހުރިހާ މަޛްހަބްތަކާއި ނަސްލުތަކަށް ނިސްބަތްވާ ޖަމާއަތްތަކުގެ މެދުގައި ގައުމީ ފެންވަރުގައި ސިޔާސީ ވާހަކަތަކެއް ދައްކައިގެން އެއްބަޔަކު އަނެއް ބަޔަކަށް ދޫދީ އިހްތިރާމްކޮށްގެން ހުރިހާ ފަރާތެއްގެ މެދުގައި ސިޔާސީގޮތުން އެއްބަސްވުމަކަށް އާދެވިގެން ކަމުގައެވެ.

އޮބާމާ އިތުރަށް ވިދާޅުވީ އިރާގުގައި ވެރިކަންކުރާ ފަރާތެއް ކަނޑައެޅުމުގެ ކަންތަކުގެ ތެރެއަށް އެމެރިކާ ނުވަންނާނެ ކަމަށާ އިރާގުގެ ވެރިން އިޚްތިޔާރު ކުރުމާއި އެމީހުން ހޮވުމުގެ ކަންތައްތަކަކީ ހަމައެކަނި އިރާގު ރައްޔިތުންގެ ކަމުގައެވެ. ރިޕޯޓްތައް ބުނާގޮތުން އިރާގު ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ގެ ހަނގުރާމަވެރިން މައިތިރި ކުރުމަށްޓަކައި އެއްގަމުމަގުން އިރާގަށް އަރައިގަތުމަށް އެމެރިކާ ފަސްޖެހިފައިމިވަނީ އެކަމަކީ އެމެރިކާގެ އިގްތިސާދު މިހާރުއޮތް ނާޒުކު ހާލަތުން އެމެރިކާއަށް ކުރެވޭނެ ކަމަކަށް ނުވެފައި އެއީ އަސްކަރީގޮތުންވެސް އެމެރިކާއަށް ނާކާމިޔާބީ އާ ކުރިމަތިލާންޖެހޭނެ ކަމަކަށް ވާނެތީކަމުގައެވެ.

އެމެރިކާ ސިފައިން އެއްގަމުމަގުން އަރައި "ދާޢިޝް" ގެ ހަނގުރާމަވެރިންނާ ކުރިމަތިލައިފިނަމަ އެމެރިކާ ސިފައިންގެ އެތަށް ހާސްބަޔަކު މަރުވެ އަދި އަސްކަރީ ބޮޑުނާކާމިޔާބީއަކާ އެމެރިކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮބާމާ އިހްސާސް ކުރައްވާ ކަމަށް ރިޕޯޓްތައްބުނެއެވެ.

މީގެއިތުރުން "ދާޢިޝް" އަކީ ހަނގުރާމައިގެ ހުނަރުވެރިކަމާއި އަސްކަރީ ގާބިލްކަން ވަރަށްބޮޑު އަދި އިރާގުގެ ސުންނީ ގަބީލާތަކުގެ ތާއީދުވެސް ލިބިފައިވާ ބާރުގަދަ ޖަމާއަތަކަށްވެފައި އެޖަމާއަތުގެ ހަގީގަތްތައް ފުރިހަމައަށް އެނގޭވަރުގެ ޖާސޫސީ މަޢްލޫމާތުތައް ހޯދުމުގައި އެމެރިކާ ނާކާމިޔާބު ވެފައިވުމަކީވެސް އިރާގަށް އަސްކަރީގޮތުން ވަދެގަތުމަށް އެމެރިކާ ޖެހިލުންވި ސަބަބެއް ކަމަށް ތަޖްރިބާކާރުން ދެކެއެެވެ.

އަނެއްކޮޅުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން "ދާޢިޝް"ގެ ހަނގުރާމަވެރިންނަށް ހަމަލާތަކެއް ދޭން ފެށިނަމަވެސް ހަނގުރާމަވެރިންނާއި އިރާގުގެ އާންމުންނާ އަދި އިރާގު ސަރުކާރު ސިފައިން ވަކިކުރަން ދަތިވާނެތީ ވައިގެ ހަމަލާތައް ދިނުމަކީ އެހަމަލާތަކުގައި އިރާގުގެ އާންމުންނާއި ސަރުކާރު ސިފައިން ގިނަ އަދަދަކަށް މަރުވެ ނަތީޖާ އަނެއްކޮޅަށް ހިނގައިދާނެކަމުގެ ބިރުއޮތް ކަމެއްކަމަށް ތަޖްރިކާރުން ދެކެއެވެ. އެހެންކަމުން "ދާޢިޝް" ގެ ހަނގުރާމަވެރިންނަށް ވައިގެ މަގުން ހަމަލާތައް ދިނުމަކީވެސް އިރާގުގެ މައްސަލައެއް އޮތް ހައްލެއްނޫން ކަމަށާ އިރާގުގެ މައްސަލާގައި އެމެރިކާއަށް ކުރެވޭނެ މާބޮޑުކަމެއް އަދި އެޅޭނެ އަސްކަރީ މާގިނަ ފިޔަވަޅުތަކެއް ނެތް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)