20 Jun 2014, 13:44
ޣައްޒާ ސިޓީ (ޖޫން 21) : އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ފަލަސްތީނުގެ ޣައްޒާއަށް ވައިގެ ހަމަލާތަކެއްދިފިއެވެ.
މީގެތެރެއިން ބައެއް ހަމަލާތައް ޣައްޒާގެ އިރުމަތީ ޒައިތޫން އަވަށުގައިވާ ޙަމާސް ޖަމާއަތުގެ މަރުކަޒަކަށް އަރާފައިވާ ކަމަށް މަންޒަރުދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާ ޚަބަރުދެއެވެ. އިސްރާއީލުން މިދިޔަ ބުދަދުވަހުވެސް ޣައްޒާގެ އުތުރުގައިވާ އައްޝައިޚް ރިޟްވާން އަވަށަށް ވައިގެ ހަމަލާތަކެއް ދީފައިވެއެވެ. އެޙަމަލާތަކުގެ ރައްދުގައި ޙަމާސް ޖަމާއަތުން އިއްޔެދިން ރޮކެޓް ހަމަލާތަކެއް އިސްރާއީލުގެ ދެކުނުގައިވާ ވެލެޖަކަށް އަރައި ދެގެއަކަށް ގެއްލުންވެފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
އަނެއްކޮޅުން އިސްރާއީލުގެ ސިފައިން ގެންދަނީ ފަލަސްތީނުގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ހުޅަނގު އައްސޭރީގައިވެސް އުދުވާނީ ހަމަލާތަކެއް ހިންގަމުންނެވެ. ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ޚަލީލު އަށް އަރައި ފަލަސްތީނުގެ ގެތަށް ބަލައި ފާސްކުރުމާއި މީހުން ހައްޔަރުކުރުމުގެ ހަރުކަށި އަމަލުތަކެއް އިސްރާއީލު ހިންގަމުންގެންދާތާ މިހާރުވަނީ ހައެއްކަ ދުވަސްވެފައެވެ. މިގޮތުން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެކަނިވެސް އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ރަށްތަކާއި ވިލެޖްތަކުން 65 މީހުން ހައްޔަރުކޮށްފައިވެއެވެ. މި 65 މީހުންނާއެކު މިދިޔަ ހަފްތާގައި އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނު ރައްޔިތުންގެ ޖުމްލަ 300 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ބުނެއެވެ.
އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގައި އުދުވާނީ އަމަލުތަކެއް ހިންގައި ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދެމުން މިގެންދަނީ ހުޅަނގު އައްސޭރީގައި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް އިސްރާއީލުން ވަޒަންވެރިކޮށްފައިވާ ހަރުކަށި ޔަހޫދީންގެ ތެރެއިން ތިން މީހުން މިދިޔަ ފަހްތާގެ ކުރީކޮޅު ގެއްލުމާ ގުޅިގެންނެވެ.
އިސްރާއީލުންވަނީ މި ތިން މީހުން ވަގަށްނަގާފައިވާ ކަމުގެ ތުހުމަތު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާއަތްތަކުގެ މައްޗަށް ކޮށްފައެވެ. އިސްރާއީލުން ގެއްލިފައިވާ ކަމަށް ބުނާ ޔަހޫދީ ވަޒަންވެރިންގެ ތިންމީހުން ހޯދުމަށް އިސްރާއީލުގެ ސިފައިންގެ އެތަށް ސަތޭކަބަޔަކު ހުޅަނގު އައްސޭރީގައި އަތްފުނާ އަޅަމުން ގެންދާއިރު އެތިން މީހުންގެ އެއްވެސް ހިލަމެއް އަދި އެމީހުންވީތަނެއްގެ މައުލޫމާތެއް އިސްރާއީލަށް ހޯދިފައެއް ނުވެއެވެ. (އަލްޖަޒީރާ)