06 Jan 2011, 14:24
އިއްޔެ ހެނދުނު ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންދިޔަ ގައިދީއަކު ޑިޕާޓަމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން (ޑީޕީއާރުއެސްގެ) ހަތަރު މީހަކަށް ބިރުދެއްކުމަށް ފަހު ފިލައިފި އެވެ.
އެމީހާ ފިލާފައި ވަނީ އައިޖީއެމްއެޗްގެ ސެކިއުރިޓީ މައްސަލަ ބޮޑުވެގެން މިދިޔަ ހަފްތާތެރޭ ފުލުހުންނާ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކޮށް އަދި ހޮސްޕިޓަލުގައި މިހާރު ސެކިއުރިޓީ ގާޑުން ތިބޭ ހުރިހާ ތަނެއްގައި ފުލުހުން ފޯރިމަރައި މުޅި ހޮސްޕިޓަލުގެ ސެކިއުރިޓީ އަންނަ ހަފުތާއިން ފެށިގެން ފުލުހުން ހަވާލުވާން ތައްޔާރު ވެފައި ވަނިކޮށެވެ.
ފިލީ ގައިދީގެ ނަމެއް އަދި އޭނާގެ އެޑްރެހެއް ކަމާ ބެހޭ ފަރާތަކުން އަދި ނުބުނެ އެވެ.
ޑީޕީއާރުއެސްގެ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމްކޮށްފައި ހުރި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ކަށީގެ މައްސަލައެއްގައި ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ގައިދީ މީހާ ފިލީ ޑޮކްޓަރަށް ދައްކަން ގެންދަނިކޮށް ފާޚާނާ އަށް ދިއުމަށް އެދުމުން ފާހާނާ އަށް ވެއްދީމާ ނުކުމެ އަނެއްކާ ވެސް ދިހަ މިނިޓް ވެސް ނުވަނީސް ފަހާނާ އަށް ވައްދަން އެދުމުން ފާޚާނާ އަށް ވަދެފައި ނުކުމެ އެތާ ތިބި ޑީޕީއާރުއެސްގެ އޮފިޝަލުންނަށް ބިރުދެއްކުމަށް ފަހު ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އޮފިޝަލު ވިދާޅުވީ އޭނާ ދެ ވަނަ ފަހަރަށް ފާޚާނާ އަށް ވަތް ވަގުތު އާއިލާގެ މީހުން ވެސް ތިބި ކަމަށެވެ. އެ މީހާ ފިލާފައި ވަނީ އެވަގުތު މަގުމަތީ އޮތް ޓެކްސީއަކަށް އަރައިގެން ކަމަށްވެ އެވެ.
ފުލުހުން ބުނީ ފިލާފައިވާ ގައިދީ މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.