މިހާރު ގިނަ ޓީމުތަކަށް ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުން އެނގޭ ކަމުގައި އިނގިރޭސި ކްލަބު ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި ބުދަ ދުވަހު ޗިލީ އަތުން 2-0 ލަނޑުން ބަލިވެ އެންމެ ފަހުގެ ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއަށް ވަނީ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައެވެ. ގްރޫޕް ސްޓޭޖުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން އެ ޓީމު ބަލިވެފައި ވަނީ 5-1 ލަނޑުންނެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅޭ ސިސްޓަމެއް ކަމަށްވާ މަޝްހޫރު "ޓިކީ-ޓަކާ" ސިސްޓަމުގެ ބޭނުން މިފަހަރު ސްޕެއިންއަށް ވަނީ އެންމެ ފުރިހަމަ ގޮތުގައި ހިފޭގޮތް ނުވެފައެވެ.

"ބޮޑެތި ޓީމުތަކާއި ދެކޮޅަށް ނުކުންނަ އިރު، އިދިކޮޅު ޓީމުތަކުން އެމީހުން ކުޅޭ ގޮތް ދަސްކުރާނެ. އަދި ބޮޑެތި ޓީމުތަކުން ކުޅެނީ އެންމެ މޮޅަށް ކަމުގައި ވިސްނައިގެން ކުޅޭ ނަމަ، އެކަމަށް ވެސް އިދިކޮޅު ޓީމުތަކުން ވިސްނާނެ،" ޔާހޫ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ. "ނެދަލޭންޑްސް އާއި ޗިލީގެ ކުޅުން ސްޕެއިންއަށް ހިފެހެއްޓިފައެއް ނުވޭ. ނިމިގެންދިޔަ ހަތަރު ނުވަތަ ހަ އަހަރު ދުވަސްތެރޭ ސްޕެއިނުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު އެމީހުންގެ ކުޅުން ދެނެގަންނަން ބޭނުންވި،"

މޮރީނިއޯ ދެކޭގޮތުގައި، ނެދަލޭންޑްސްގެ ކޯޗު ލުއިސް ވެން ހާލް ގެންގުޅުނީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށާއި ޗިލީގެ ކޯޗު ޖޯޖް ސަމްޕައޮލީ އަކީ ވަރަށް މޮޅު ކޯޗެއް ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުގެ ޗެމްޕިއަނުން މިފަހަރުގެ ވޯލްޑް ކަޕުން ކެޓިއިރު، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕައަނުންނާއި 2006 ވަނަ އަހަރުގެ ޗެމްޕިއަނުން ތަށި ދިފާއުކުރަން ނުކުތް ފަހަރު ފްރާންސާއި އިޓަލީ ވެސް އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. އޭރު އެ ދެޓީމު މުބާރާތުން ކަޓައިގެން ދިޔައީ ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ.