20 Jun 2014, 08:34
ވޯލްޑް ކަޕުގެ ގްރޫޕް ސީގައި ކޮލަމްބިއާ އަތުން 2-1 ލަނޑުން އައިވަރީ ކޯސްޓް ބަލިވުން ހައްގުނުވާ ކަމަށް އެ ޓީމުގެ ކޯޗު ސަބްރީ ލަމޫޗީ ބުނެފި އެވެ.
އެސްޓޭޑިއޯ ނޭސިއޮނަލްގައި ރޭ ކޮލަމްބިއާ އާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗުގައި ޖޭމްސް ރޮޑްރިގޭޒާއި ހުއާން ފެނާންޑީ ކުއިޓެރޯ ކޮލަމްބިއާގެ ދެ ލަނޑު ކާމިޔާބުކުރި ފަހުން، އައިވަރީ ކޯސްޓްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޖާވީނިއޯ އެވެ. މި މެޗުން އައިވަރީ ކޯސްޓް ބަލިވުމުން ކޮލަމްބިއާއަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.
"އަހަރެމެން ބަލިވުން ހައްގެއް ނޫން،" އުމުރުން 42 އަހަރުގެ ކޯޗު ބުންޏެވެ. "ކޮލަމްބިއާ އިން ފައިދާ ނެގީ އަހަރެމެންނަށް ހެދުނު ކުށްތަކުން. ދެން އަހަރެމެން ޖެހޭނީ މިކަމުން އަރައިގަނެ ގްރޫޕް ސްޓޭޖުގެ ފަހު މެޗާމެދު ވިސްނުން. ގްރީސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން އަހަރެމެންނަށް މަޖުބޫރު،"
ފުރަތަމަ މެޗުގައި ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗު ފަދައިން، ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އައިވަރީ ކޯސްޓަށް 65 ލަނޑު ކާމިޔާބުކޮށްދިން ޑިޑިއާ ޑްރޮގްބާއަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެއް ނުވެއެވެ. މިކަމާއި ބެހޭގޮތުން ލަމޫޗީ ބުނީ، ޑްރޮގްބާއަށް ފުރަތަމަ އެގާރައިން ޖާގަ ނުދިނީ އޭނާއާ މެދު ވަކި މައްސަލައެއް އޫޅޭތީއެއް ނޫން ކަމަށެވެ.
"އަހަރެންނާއި އޭނާއާ މެދު އެއްވެސް މައްސަލައެއް ނެތް،" އޭނާ ބުންޏެވެ. "އަހަރެން އަބަދުވެސް ވިސްނީ ޓީމަށް އެންމެ ފައިދާވާނެ ގޮތަށް،"
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގްރީސްއާ ދެކޮޅަށް އައިވަރީ ކޯސްޓް ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 1:00ގައެވެ.