ވޯލްޑް ކަޕުގައި ވާދަކުރާ އާޖެންޓީނާ ގައުމީ ޓީމު ފަރިތަކުރުންތައް ކުރިއަށް ދަނިކޮށް، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ އޮޓޯގްރާފެއް ހޯދަން ދަނޑަށް އެރި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އުމުރުން 33 އަހަރުގެ ޑެނިސް އަންދްރޭ އޮލިވޭރާ ހައްޔަރުކޮށްފައި ވަނީ ހުއްދައެއް ނެތި އާޖެންޓީނާ ފަރިތަކުރުންތައް ކުރިއަށްދިޔަ ދަނޑު ތެރެއަށް ވަނުމުން ކަމަށެވެ.

ލޮލުން ކަރުނަ އޮހޮރަމުން ނޫސްވެރިންނާ ވާހަކަދައްކަމުން އެމީހާ ބުނީ، ސިޑާޑޭ ޑޮ ގާލޯ ސްޕޯޓްސް ފެސިލިޓީއަށް ވަނުމަށް މަސައްކަތްކުރީ އޭނާގެ އާޖެންޓީނާ ޖާޒީގައި މެސީގެ އޮޓޯގްރާފެއް ހޯދުމަށް ކަމަށެވެ.

މި މަހުގެ އެގާރަ ވަނަ ދުވަހު އާޖެންޓީނާ ޓީމު ފަރިތަކުރަމުން ދަނިކޮށް ދަނޑު ތެރެއަށް ވަތް މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ފުލުހުން އެމީހާ ހައްޔަރުކުރީ ބެލޯ ހޮރިޒޮންޓޭގައި ހުންނަ އިންޑެޕެންޑެންސިއާ ސްޓޭޑިއަމްއަށް ވަދެ މެސީގެ ބޫޓު ސާފުކުރަން ހުއްޓަ އެވެ.