ވޯލްޑް ކަޕުގެ ގްރޫޕް ސީގައި މިރޭ 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ގްރީސްއިން އޭޝިއާގެ ޗެމްޕިއަން ޖަޕާނު ހިފަހައްޓައިފި އެވެ.

އެސްޓޭޑިއޯ ޑަސް ދުނާސްގައި ޖަޕާނާއި ގްރީސް ކުޅުނު މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ގްރީސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކަސްޓަސް ކަޓްސޫރާނިސްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުގެ ސަބަބުން މެޗުގެ ބޮޑު ބައެއް އެޓީމު ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

މެޗުގައި ޖަޕާނުން ލަނޑެއް ޖަހައި ލީޑު ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެޓީމަށް ވަނީ ގްރީސްގެ ގޯލު ހުޅުވާލުމަށް ނުކުޅެދިފައެވެ. ޖުމްލަ ގޮތެއްގައި ޖަޕާނުގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނުނު ކަމުގައިވިޔަސް، އެޓީމުން ކުރި އެޓޭކްތައް އެންމެ ފުރިހަމައަށް ނިންމާލެވިފައެއް ނުވެއެވެ.

މެޗުގައި ޖަޕާނުގެ އިތުރުން ގްރީސްއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ކަޓްސޫރާނިސްއަށް ރަތް ކާޑު ދެއްކިތާ މިނެޓެއް ފަހުން އެޓީމަށް ވަރަށް ރަނގަޅު ފުރުސަތެއް ވެސް ލިބުނެވެ. ގްރީސްގެ ތިއޮފަނިސް ގެކާސްގެ ބާރު ހަމަލާގެ ހުރަހަކަށްވީ ޖަޕާނުގެ ގޯލްކީޕަރު ކަވަޝިމާ އެވެ.

ދެވަނަ ހާފުގައި ޖަޕާނުން ކުޅުނީ އެޓީމުގެ އެންމެ މުހިންމު މިޑްފީލްޑަރު ކަމަށްވާ ޝިންޖީ ކަގާވާގެ ބޭނުން ވަރަށް ބޮޑަށް ހިފައިގެންނެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓްގައި ކަގާވާ ވަނީ އަޓްސޫޓޯ އުޗީޑާއަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ތަނަވަސް ކޮށްދީފައެވެ. ނަމަވެސް އުޗީޑާގެ އެހަމަލާ ދިޔައީ ގްރީސްގެ ގޯލު އަރިމަތިން ބޭރަށެވެ.

މި މެޗުން އެއްވަރުވެ، ޖަޕާނާއި ގްރީސްއަށް ޕޮއިންޓެއް ލިބުނު ނަމަވެސް، އެ ދެޓީމު އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. ގްރޫޕްގެ ފަހު މެޗުގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރި ކޮލަމްބިއާ އާ ދެކޮޅަށް ޖަޕާނު ނުކުންނަ އިރު، ގްރީސް ނުކުންނަން ޖެހޭނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރޭ 1:00ގައެވެ.