20 Jun 2014, 02:10
އެރީނާ ސައޮޕޯލޯގައި މިރޭ ލުއިސް ސުއަރޭޒް ޖަހައިދިން ދެ ލަނޑާއެކު 2-1 އިން މޮޅުވެ ޔުރުގުއާއީ އިން އިނގިރޭސީންނަށް އަމިއްލަ ބާރުގައި މިފަހަރުގެ ވޯލްޑް ކަޕުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލުވާލައިފި އެވެ.
ބްރެޒިލް 2014ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް "ޑީ"ގައި މިހާތަނަށް ތިން މެޗު ކުޅުނު އިރު، ކޮސްޓާރީކާއާއި އިޓަލީ އަދި ޔުރުގުއާއީ މިއިން ކޮންމެ ޓީމަކަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. ކުޅުނު ދެމެޗުން ވެސް ބަލިވެ އިންގްލެންޑަށް ވަނީ، މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު އެއްކޮށްހެން ގެއްލިފައެވެ.
ދެ ޓީމުގެ ފަރާތުން ވެސް ހަލުއި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގައި ފެނިގެން ދިޔަ ނުރައްކާ ތެރި ފުރަތަމަ ހަމަލާއަކީ 31 ވަނަ މިނިޓްގައި ޔުރުގުއާއީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އިންގްލެންޑް ކެޕްޓަން ސްޓީވަން ޖެރާޑް ނަގައިދިން ހުރަހަކުން އެޓީމުގެ ފޯވާޑް ވޭން ރޫނީ ފޮނުވާލި ބާރު ހަމަލާއެވެ. ރޫނީ ބޮލުން ޖަހައި ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ، ޔުރުގުއާއީގެ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ޔުރުގުއާއީއަށް ކުރި ހޯދައި ދިން ލަނޑު ސުއަރޭޒް ޖަހައިދިނީ 39 ވަނަ މިނިޓްގައެވެ. އިންގްލޭންޑްގެ ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމުގެ ގޯލް އޭރިޔާ ތެރެއަށް "ޗިޕެއް" ޖަހައި އެޑިންސަން ކަވާނީ ވައްޓާލަދިން ރީތި ބޯޅަ ގޯލްތެރެއަށް ސުއަރޭޒް ފޮނުވާލި ބޯޅައަށް އަރައި ހުރި ކީޕަރު ޖޯ ހާޓްގެ އަތްމަތިންނެވެ. މި ލަނޑަކީ އަނިޔާގެ ސަބަބުން ޔުރުއުއާއީގެ ފުރަތަމަ މެޗުގައި ކުޅުމުގެ ފުރުސަތު ނުލިބުނު ލިވަޕޫލު ފޯވާޑް އޭނާގެ ގައުމަށް ކާމިޔާބުކޮށްދިން 40 ވަނަ ލަނޑެވެ.
ޔުރުގުއާއީ ލަނޑު ޖެހިތާ ގިނައިރު ތަކެއް ނުވަނީސް އެޓީމުގެ ގޯލަށް އިނގިރޭސީން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. 41 ވަނަ މިނިޓްގައި ލިވަޕޫލް ފޯވާޑް ޑެނީލް ސްޓްރިޖް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޔުރުގުއާއީ ގޯލް ކީޕަރު ފެނާންޑޯ މުސްލޭރާއެވެ. މިރޭގެ މެޗުގައި މުސްލާރޭ ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
ދެވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނިޓްގައި އިންގްލޭންޑް ޕެނަލްޓީ އޭރިޔާ ތެރޭން ސުއަރޭޒް ފޮނުވާލި ބާރު ހަމަލާ ގޯލް ކީޕަރު ހާޓް ދިފާއުކުރީ ގޯލްގެ ރޮނގު މަތިންނެވެ. އޭގެ ތިން މިނިޓް ފަހުން އިންގްލެންޑް ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ކަވާނީއަށް ސުއަރޭޒް ރީތި ފުރުސަތެއް ތަނަވަސް ކޮށްދިން ނަމަވެސް ކަވާނީއަށް އެބޯޅަ ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.
އިންގްލެންޑަށް ނަތީޖާ ހަމަހަމަކުރަން މެޗުގެ 54 ވަނަ މިނިޓްގައި ލިބުނު ފުރުސަތުގެ ހުރަހަކަށް ވެސް ވީ ގޯލް ކީޕަރު މުސްލޭރާ އެވެ. އެޓީމުގެ ގޯލް ކުރިމަށްޗަށް ލެއިޓެން ބެއިނޭސް ނަގައިދިން ހުރަހަކުން ރޫނީ ފޮނުވާލި ބާރު ހަމަލާ މުސްލޭރާ ވަނީ ހުޝިޔާރު ކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 75 ވަނަ މިނިޓްގައި އިންގްލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ރޫނީ އެވެ. ގްލެން ޖޯންސަން ޔުރުގުއާއީގެ ދެ ޑިފެންޑަރުން ކައިރިން ކަޓުވާލާފައި ބޯޅަ ހިފައިގެން އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ގޯލްތެރެއަށް ރޫނީ ފޮނުވާލީ ބޯޅަހޯދަން ތިރިވި ގޯލް ކީޕަރު މުސްލޭރާގެ އަތް ކައިރިންނެވެ.
ރޫނީގެ މި ލަނޑަކީ އޭނާ ވޯލްޑަ ކަޕްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި ގައުމީ ޓީމަށް މައިކަލް އޮވެން ޖަހައިދިން ލަނޑާ އެއްވަރުކޮށް 40 ލަނޑާއެކު ރޫނީ ވެގެން ގޮސްފައި ވަނީ އިންގްލެންޑަށް ހަތަރު ވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ.
މެޗުގެ ގިނަ ވަގުތުގައި ބޯޅަ ހިފަހައްޓައިގެން ޔުރުގުއާއީގެ ގޯލަށް ނުރައްކާ ކުރަމުން ދަނިކޮށް އިނގިރޭސީންގެ ހިތް ފަޅައިގެން ދިޔައީ، 85 ވަނަ މިނިޓްގައި ސުއަރޭޒް ޖެހި ލަނޑުންނެވެ. އިނގިރޭސީންގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލާފައި ޕެނަލްޓީ އޭރިޔާ ތެރެއަށް ދެމިގަނެ ސުއަރޭޒް ފޮނުވާލި ބޯޅަ ސަލާމަތްކުރަން ކީޕަރު ހާޓަށް ކުޑަވެސް ފުރުސަތެއް ނުލިބުނެވެ.
ސުއަރޭޒް އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ވޯލްޑް ކަޕްގައި އިންގްލޭންޑް ކޮޅަށް ލަނޑު ޖެހި ހަ ވަނަ ކުޅުންތެރިޔާ އެވެ. އަދި ވޯލްޑް ކަޕްގައި ސުއަރޭޒް ލަނޑު ޖަހާފައިވާ އެއްވެސް މެޗަކުން ޔުރުގުއާއީ މިހާތަނަށް ބަލިވެފައެއް ނުވެއެވެ. އެގޮތުން 2010 ވަނަ އަހަރުގެ ވޯލްޑް ކަަޕްގައި 1-0 އިން މެކްސިކޯ އަތުން އެޓީމު މޮޅުވި މެޗާއި ހަމަ އެފަހަރު ކޮރެއާ އަތުން 2-1 އިން އުރުގުއާއީ މޮޅުވި މެޗުގައި ވެސް ސުއަރޭޒް ވަނީ ލަނޑު ޖަހައިފައެވެ.
ގްރޫޕް ޑީގެ މެޗެއް ދެން ކުޅޭނީ މާދަމާރޭ 9:00ގައެވެ. އެމެޗުގައި ވާދަކުރާނީ ލަނޑުގެ ތަފާތުން ގްރޫޕުގެ އެއްވަނައިގައި މިވަގުތު އޮތް ކޮސްޓާރިކާ އާއި ދެވަނައިގައި އޮތް އިޓަލީއެވެ.