އެސްޓީއޯ ނޫފަހި ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އޮތީ އެ މެޗަށް ތައްޔާރަށް ކަމަށް އެ ދެ ޓީމުން ވެސް ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭ ފައިނަލަށް ނިއު އަދި ސިފައިން ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) ޓީމު ބަލިކޮށްގެންނެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނިއު އިން ފަސޭހަކަމާއެކު ސަން ބަލިކުރި އިރު، ދެވަނަ ސެމީގައި ސިފައިން ސަން ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މުބާރާތުގެ އެއްވެސް މަޗަކުން ބަލިވެފައި ނުވާ ނިއުގެ އެސިސްޓަންޓް ކޯޗު ނިހާން ނަސީރު ބުނީ، އެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް 100 ޕަސެންޓް ފިޓް ކަމަށެވެ.

"ނިއު ރޭޑިއަންޓް އޮތީ އިރާދަ ކުރެއްވިއްޔާ ފައިނަލަށް ތައްޔާރުވެފައި. އަޅުގަނޑުމެން ފައިނަލަށް ތައްޔާރުވީ ބަލިނުވެ މުބާރާތް ނިންމާލުމަށް. އަޅުގަނޑުމެންގެ ހުރިހާ ކުޅުންތެރިން ތިބީ ފިޓްވެ، ފައިނަލަށް ތައްޔާރުވެގެން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތަށި ހޯދާނަން،" އޭނާ ބުންޏެވެ. "އިދިކޮޅު ޓީމަށް އިހްތިރާމް ކުރަން ޖެހޭނެ. އިދިކޮޅު ޓީމަކީ އަހަރެމެން އަތުން ބަލިވެފަ އޮތް ޓީމެއް ނޫން. އެއީ ހަމަ އަޅުގަނޑުމެންނާ އެއް ފެންވަރެއްގެ ޓީމެއް. އެހެންވެ ނިއުއިން ކުޅޭނީ އެ ޓީމަށް އިހްތިރާމްކޮށްގެން."

ޑީއެސްސީގެ ކޯޗު އަބްދުލް ހަމީދު ބުނީ، ބައެއް ކުޅުންތެރިންނަށް ކުދިކުދި އަނިޔާތަކެއް ކުރިމަތިވި ނަމަވެސް އެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި އެ ޓީމުން އެއްވެސް މެޗެއް އެހާ ފަސޭހަކޮށް ނުލާނެ ކަމަށެވެ.

"ޑީއެސްސީ އޮތީ ފުރިހަމަ އަށް ތައްޔާރަށް. ކުދިކުދި އަނިޔާތައް އެބައުޅޭ. މިހާރު އެ އަނިޔާތައް ރިކަވާ ކުރުމުގެ މަރުހަލާގައި މި އުޅެނީ. އެ އަނިޔާތައް ކުރިމަތިވީ ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން. ދެން އެންމެ ފުރިހަމައަށް ތައްޔާރެއް ނޫނޭ ބުނެވޭނީ،" އޭނާ ބުންޏެވެ. "ފައިނަލަށް ނާންނާނެ ދެރަ ޓީމެއް. އަޅުގަނޑުމެން ނުކުންނާނީ ފައިޓްކޮށްގެން ކާމިޔާބު ހޯދަން. އަޅުގަނޑުމެން ރޭގައި ސަން ޓީމާ ދެކޮޅަށް ކުޅެ ވެސް އެ ދައްކުވައިދިނީ އެ ހިތްވަރު އޮތްކަން. އަޅުގަނޑުމެން އެއްވެސް ޓީމެއް އެހާ ބަލިކޮންނެއް ނުނަގާނަން."

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ މި މުބާރާތުގެ ފައިނަލް މެޗަށް ނިއު އާއި ޑީއެސްސީ ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00ގައެވެ.