ކަނޑު މަހާއި ފަރުމަހުގެ ގިނަ އުފެއްދުންތަކެއް އުފައްދާ، ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަހަރު ވެސް ރަމަޟާން މަހާ ދިމާކޮށް އައު އުފެއްދުންތަކެއް ލޯންޗްކޮށްފި އެވެ.

މިފްކޯ މަސްފިހާރާގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިފްކޯ އިން އަލަށް އުފައްދާފައިވާ ހަ އުފެއްދުން ތައާރަފްކޮށްދެއްވި މަޝްހޫރު ފިލްމީ ތަރި ފާތިމަތު ފަރީލާ (ފަރީ) އެވެ.

މިފްކޯ އިން މިރޭ ބާޒާރަށް ނެރުނު އެ ކުންފުނީގެ އައު އުފެއްދުންތަކުގެ ތެރޭގައި ސްމޯކްޑް ޕެޕާފިޝް އާއި މަސްހުނި މަސް، ފިޝް ހޭމް، އަދި ކޮޕީ ޕޭސްޓްގެ އިތުރުން ޓޫނާ ސަމްބޯލް ހިމެނެ އެވެ. އައު އުފެއްދުންތަކުގެ ރަހަ ބެލުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިފްކޯއިން ވަނީ ހުޅުވާލާފަ އެވެ.

މިފްކޯގެ މީޑިއާ ކޯޑިނޭޓަރު އައިމިނަތު އަބްދުﷲ ވިދާޅުވީ މިފްކޯގެ އުފެއްދުންތަކުގެ ރަހަ ބެލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލީ ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރެއް ބޭނުންވާ އެއްޗެއް ގަތުމުގެ ކުރިން އެއީ އެ ކަސްޓަމަރަކަށް ކަމުދާ ޕްރޮޑަކްޓް ކަށަވަރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މިފްކޯގެ އުފެއްދުންތަކުގެ ރަހަ ބެލުމުގެ ފުރުސަތު އިތުރު މީހުންނަށް ހޯދައިދިނުމަށް، މިމަހު 26 ގައި ހުޅުމާލޭގައި އިވެންޓެއް ކުރިއަށް ގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން މިރޭ ބާޒާރަށް ނެރުނު ހަ ޕްރޮޑަކްޓް ވެސް ރޯދަމަހު މިފްކޯގެ މަސްފިހާރައިން ލިބެން ހުންނާނެ ކަމަށް މިފްކޯ އިން ބުނެއެވެ.