19 Jun 2014, 22:31
ރާއްޖެއަކީ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ޒަމާނީ ޑިމޮކްރެކްޓިވް ގައުމެއްގެ މިސާލެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ އެހެން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ 41 ވަނަ ބައްދަލުވުމުގައި އިއްޔެ ތަގުރީރު ކުރައްވަމުންނެވެ.
ދުންޔާ ވިދާޅުވީ، އެންމެންގެ މެދުގައި އަދުލް އިންސާފާއި ހަމަހަމަކަން ގާއިމު ކުރުމުގެ އުސޫލު ތަކާއި ރައްޔިތުންނަށް ސަރުކާރުގެ ކަންކަމުގައި ބަސްބުނުމުގެ ހައްގުގެ އިތުރުން ރައްޔިތުންނަށް ސަރުކާރުގައި މަސްލަހަތު އޮތުމުގެ ހައްގަކީ އިސްލާމްދީނުގައި ކަށަވަރު ކޮށްދީފައިވާ އަދި ޒަމާނީ ޑިމޮކްރެސީގެ އުސޫލުތަކާއި އެއްގޮތްވާ ކަންކަން ކަމަށެވެ.
"މުޅި ދުނިޔޭގައި ވެސް އަދި އިސްލާމީ މުޖްތަމައުތަކުގައި ވެސް އިސްލާމީ ޑިމޮކްރެޓިކް ބަދަލު ގެނައުމަށް އެއްބާރުލުން ދިނުން މުހިންމު. ދިވެހި ރާއްޖެއަކީ އިސްލާމީ އުސޫލަތަކަށް ފުރިހަމައަށް ތަބާވާ ޒަމާނީ ޑިމޮކްރެޓިކް ގައުމެއްގެ މިސާލެއް،" ތަގުރީރުގައި މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް ހިމާޔަތް ކުރުމަށް ބާރު އަަޅައި، އަންހެނުންނާއި އަންހެންކުދިންނަށް އަނިޔާވެރިވުން މަނާ ކުރާ ދީނެއް ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވަނީ، ދުނިޔޭގައި ދިރިއުޅޭ މުސްލިމް އަންހެނުން ރައްކާތެރިކޮށްދީ އެމީހުންގެ ހަގުތަށް ހިމާޔަޔަތް ކޮށްދިނުމަށް އޯއައިސީން މަސައްކަތްކުރެއްވުމަށް ގޮވާލައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ، އެތައްސަތޭކަ އަހަރުވަންދެން މުސްލިމުންނަކީ ސައިންސާއި ޓެކްނޮލޮޖީގެ ދެނެގަތުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ މީހުން ކަމަށާއި މިޒަމާނުގެ ކުރިއައުންތަކުގައި މުސްލިމުންގެ ހިއްސާ އިތުރުކުރަށް ޖެހޭކަމަށެވެ.
އެގޮތުން އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި، ތައުލީމަށް ދޭ ސަމާލުކަން އިތުރުކޮށް އާ ހޯދުންތަކާއި އީޖާދުތަކަށް ހިތްވަރު ދޭނަމަ ތަރައްގީގެ މައިދާނުގައި އިސްލާމުން ފަހަތައް ނުޖެހޭނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.
އޯއައިސީގެ 57 ގައުމަކުން ބައިވެރިވެގެން މިހާރު ޖިއްދާގައި ކުރިއަށްދާ ބައްދަލުވުމުގައި މަޝްވަރާކުރަނީ އިސްލާމީ އުއްމަތަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ މެދުގައެވެ.
އިސްލާމީ ގައުމުތައް ބައިވެރިވާ ޖަމިއްޔާ އޯއައިސީ އުފެއްދީ 1969 ވަނަ އަހަރު އެވެ. އެޖަމާއަތުގައި ރާއްޖެ ބައިވެރިވީ 1976 ގައެވެ.