19 Jun 2014, 22:15
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު އެއް ޕޮއިންޓާއެކު މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް އާ ހިތްވަރެއް ލިބިއްޖެ ކަމަށް ކުރީގެ ގައުމީ ކީޕަރު އަދި މިހާރު ބީޖީގެ ހެޑް ކޯޗް މުހައްމަދު އިގްބާލް ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 2-2 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ.
މިއަދުގެ މެޗަށް ފަހު ބީޖީގެ ކޯޗް އިގްބާލް ބުނީ، ގައުމީ ޓީމުގެ ގިނަ މޮޅެތި ކުޅުންތެރިން ހިމެނޭ މާޒިޔާއާ ދެކޮޅަށް ކުޅެ ޕޮއިންޓަކުން ފުއްދާލަން ޖެހުމުން ހިތް ހަމަޖެހޭ ކަމަށާއި މިއީ ކުރިއަށް ހުރި މެޗްތަކުގައި ކުރިއަށް ދިއުމަށް ލިބުނު އާ ހިތް ވަރެއް ކަމަށެވެ. އަދި ޖުމްލަ ކޮށް ބީޖީގެ ކުޅުމާ މެދު ހިތް ހަމަ ޖެހޭ ކަމަށް އިގްބާލް ބުންޏެވެ.
"ޓީމުގެ ކުޅުމާ މެދު ހިތް ހަމަޖެހޭ. ބިދޭސީ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވެސް ހިތް ހަމަޖެހޭ. މާޒިޔާ އަތުން ލިބުނު ޕޮއިންޓަކީ ކުރިއަށް ދިއުމަށް ލިބުނު އާ ހިތްވަރެއް" އިގްބާލް ބުންޏެވެ.
އިގްބާލް ބުނީ، ލީގުގައި ވާދަކުރާ ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމްތައް ކަމަށާއި އެހެން ކަމުން މއިަދު މާޒިޔާ މެޗުގައި ހެދުު މިސްޓޭކްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަަމށެވެ.
ދިވެހި ލީގުގައި ބީޖީން ދެން މެޗެއް ކުޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގައި އީގަލްސްއާ ދެކޮޅަށެވެ.