06 Jan 2011, 11:51
ރާއްޖޭގައި ބިދޭސީން ގެންގުޅޭ އޭޖެންޓުތަކެއް އިމިގްރޭޝަންގެ ބިދޭސީންނާ ބެހޭ އޮފީސް ކައިރިއަށް އެއްވެ ސްޓޭޓް މިނިސްޓާ އަދި ކޮންޓްރޯލޯ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހިމްގެ އިސްތިއުފާ އަށް ގޮވައި، ނުރުހުން ފާޅުކޮށްފި އެވެ.
މިއަދު ހެނދުނު 10:45 އެހާކަން ހާއިރު ސޯސަންމަގުގައި ހުންނަ ކުރީގެ ނާދީ އަދި މިހާރުގެ އިމިގްރޭޝަންގެ އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރިޕެޓްރިއޭޝަން ޑިވިޝަން ގެ ކުރިމައްޗަށް ބޯޑު ތަކާއި އަޑުގަދަކުރާ ހިފައިގެން އެއްވި 15 ވަރަކަށް އޭޖެންޓުން ގޮވަމުން ދިޔައީ ބިދޭސީން މެޑިކަލް އިންޝުއަކުރަން ޖެހޭނަމަ ޑިޕޮސިޓް ފައިސާ ކުޑަކުރަން ޖެހޭނެ ކަމަށެވެ.
އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމުން ފޮނުވާލުމުގައި އިމިގްރޭޝަން ވަނީ ނުކުޅެދިފައި ކަމަށް ބުނެ އެމީހުން އަޑުގަދަކުރަމުން ދިޔަ އެވެ.
"އިލްޔާސް ގެ ހިތްވަރު ފެނުނީ މަޖިލިސް މޭޒުމަތިން ކަމަށާއި މިހާރު އެއީ ޒީރޯ" ކަމަށް ބުނެ ބައެއް މީހުން އިލްޔާސަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ނަންނުޖެހުމަށް ޝަރުތުކޮށް ބުނީ، އެމީހުންނަށް މިހާރު ކިތަންމެ ފަހަރަކު އިލްޔާސް އާ ބައްދަލު ކުރެވިއްޖެ ކަމަށާއި ކޮންމެ ފަހަރަކުވެސް އެބޭފުޅާ ވިދާޅުވަނީ މައްސަލައެއް އޮތް ނަމަ ކޯޓަށް ދިޔުމަށް ކަމަށެވެ. އޭނާ ބުނީ ގަވާއިދާ ހިލާފުވާ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް ޓިކެޓް ގަތުމަށް މިހާރު އަސްލު އަގަށް ވުރެ ދެގުނަ ބޮޑު އަދަދެއް ނަގައި ކަމަށާއި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ކާންދޭން ޖެހެނީވެސް އެ މީހުން ކަމަށެވެ.
"އިމިގްރޭޝަން ބަދަލު ކުރަންވެގެން އަސަރީގެ ހަދަނީވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި. އިންޝުއަރެންސް ފައިސާ މި ނަގަނީ ވަކިބަޔަކަށް މަގުފައި ވާގޮތަށް. ދެން ކީކޭ ބުނާނީ. މިކުރަނީ ހަމަ ޖެއްސުން. މިތަނަށް މަޖުބޫރުވެގެން މިތިބީ އެއްވެ،" މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.
މުޒާހަރާގެ ބައިވެރިންގެ ތުހުމަތުތަކަށް ރައްދުދެއްވަމުން ކޮންޓްރޯލާ އިލްޔާސް މިއަދު ވިދާޅުވީ، އިމިގްރޭޝަނުން އަމަލުކުރަމުން އަންނަނީ ގާނޫނާއި ގަވާއިދު ތަކާއި އެއްގޮތަށް ކަމަށާއި އެ ގާނޫނާއި ގަވާއިދު ތަކުގައި ހުރި ބައެއް ކަންކަން އަދި ދިވެހިންނަށް އަލީކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ބައެއްގެ ހައްގުތައް ގެއްލޭނަމަ އެކަމަށް ހާއްސަ ކުރެވިފައިވާ މުއައްސަސާތަކަށް މައްސަލަތައް ހުށަހަޅައިގެން ކުރިއަށް ގެން ދިޔުމަށް އިލްޔާސް ގޮވާލެއްވި އެވެ.
"ރާއްޖެވެސް ތަރައްގީވަމުން އަންނަ ވަރަކަށް އާ ކަންކަން އަންނާނެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ތަންފީޒު ކުރާ ކަންކަން އަޅުގަނޑުމެންވެސް ތަންފީޒު މިކުރަނީ. އަޅުގަނޑުމެންނަކީ ވިޔަފާރި ކުރާ ބައެއް ނޫން. އަޅުގަނޑުމެންގެ ޒިންމާ އަކީ އަބުރު ވެރިކަމާއި އެކު ބަޔަކު އެތެރެކޮށް އަބުރު ވެރި ކަމާއި އެކު (އެމީހުން) ފޮނުވާލުން. އަޅުގަނޑުމެން ހިތަށް އެރިގޮތަކަށް ނޫން ކަންތައް މި ކުރަނީ." އިލްޔާސް ވިދާޅުވި އެވެ.
ގަޑިއެއްހާއިރު ވަން ދެން އަޑުގަދަކުރުމަށްފަހު އެއްވި މީހުން އެ ސަރަހައްދުގައި ތިބުމަށްފަހު އެ ސަރަހައްދު ދޫކޮށްދިޔައީ މެންދުރު 12:30 ޖަހާއެކާކަންހާއިރު އެވެ. މުޒާހަރާ ނިންމާލަމުން އެމީހުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވާނެ ކަމުގެ އިންޒާރު އިމިގްރޭޝަނަށް ދީފަ އެވެ.
މިހާރު ރާއްޖޭގައި އުޅޭ ބިދޭސީން މެޑިކަލް އިންޝުއަކުރުން ތިން މަސް ދުހަވަށް ފަސްކޮށް، ޖެނުއަރީ އެކަކުން ފެށިގެން ރާއްޖެ އަލަށް އެތެރެކުރެވޭނީ މެޑިކަލް އިންޝުއަކޮށްފައިވާ ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ. އެ ނިންމުމާ މެދު ބިދޭސީން ގެންގުޅޭ ގިނަ ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.