އަށް އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކޯޗުކޮށްދިން އިސްމާއިލް މަހްފޫޒް (އިންމަ) އެ ކްލަބްގެ ކޯޗު ކަމުން މިއަދު އިސްތިއުފާ ދީފި އެވެ.

މާޒިޔާގެ އެންމެ ކާމިޔާބު ކޯޗު، އިންމަ އެ ކްލަބުން އިސްތިއުފާ ދިންކަން އިއުލާން ކުރީ ދިރާގު ދިވެހި ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ބީޖީ ސްޕޯޓްގެ މައްޗަށް ކުރި ނުހޯދި އެއްވަރުވި މެޗަށްފަހު "ސަން"އަށް ދެއްވި އިންޓަވިއުގަ އެވެ. އެ މެޗަށްފަހު އިންމަ ސަންއަށް ބުނީ އެންމެ ފަހުން މާޒިޔާ ކުޅުން މެޗުތަކުގައި ޓީމުން ނެރުނު ނަތީޖާ ތަކުގެ ޒިންމާ ނަގާ ކަމަށާއި މާޒިޔާގެ ކޯޗު ކަމުގެ މަގާމުން ދުރުވާންޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.

ދެހާސް ހަ ވަނަ އަހަރު މާޒިޔާއަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިދިނީ އިންމަގެ ކޯޗު ކަމުގަ އެވެ. އޭގެ ފަހުން މާޒިޔާ އަންނަނީ "ގަދަފަދަ" ޓީމުތަކާ ވާދަކޮށް ދިރާގު ދިވެހި ލީގުގައި ކާމިޔާބީއާ ގާތްކުރަމުންނެވެ. އިންމަ ވަނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނަށް މާޒިޔާ ކޮލިފައިވުމަށްފަހު، ފުރަތަމަ ފަހަރަށް މާޒިޔާއަށް ތައްޓެއް ހޯދަދިން ކޯޗްގެ ލަގަބް ވެސް އޮތީ އިންމަގެ އަތުގަ އެވެ. އެއީ 2012 ވަނަ އަހަރުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ތައްޓެވެ.

އަދި މީގެ އިތުރުން އިންމަގެ ކޯޗް ކަމުުގެ ދަށުން ފާއިތުވި ފަސް ސީޒަންގައި ވެސް އެޓީމް ހިމެނިފައި ވަނީ ގަދަ ހަތަރު ޓީމުގެ ތެރޭގައެވެ.