ޖީއެމްއާރު އެއްބަސްވުމާ ގުޅޭގޮތުން މިހާރުގެ ސަރުކާރުން ކުރިން ބުނަމުންދިޔަ ވާހަކަތައް މިހާރު "އަނބުރާލާފައިވާ" ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޖީއެމްއާރު އެއްބަސްވުން އުވާލީ ގާނޫނާ ޚިލާފަށް ކަމަށް އާބިޓްރޭޝަންގެ ފުރަތަމަ މަރުހަލާއިން ކަނޑައެޅުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖީއެމްއާރު އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުމެއްކަމަށް ކުރީގެ ރައީސް ވަހީދާއި މިހާރުގެ ސަރުކާރުންވެސް ބުނަމުން ގެންދިޔަ ކަމަށެވެ. ނަމަވެސް އޭރު ދެއްކި ވާހަކަތައް މިހާރު އެހެންގޮތަކަށް އަނބުރާލައި، ޖީއެމްއާރަށް ދޭންޖެހޭ ބަދަލުގެ މިންވަރަކީ ކުޑަ މިންވަރަކަށް ވާނޭ ކަމަށް ބުނެ އޮޅުވާލުންތައް އޮޅުވާލަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.

ޖީއެމްއާރާއި އެކު ހަދާފައިވާ އެއްބަސްވުން ގާނޫނާއި ހިލާފަށް އުވާލުމުން ރާއްޖެއަށް ލިބުނު ގެއްލުމުގެ ސަބަބުން އެ އެއްބަސްވުން އުވާލި ރައީސް ވަހީދާއިމެދު ދައުވާ ފުލުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުން ޤާނޫނާ ހިލާފަށް އުވާލާ ޖީއެމްއާރު ރާއްޖެއިން ބޭރުކުރިކުރުމުގެ ސަބަބުން ލިބުނު ގެއްލުމަށް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަދި އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ރާއްޖޭގެ ކޯޓުތަކުގައާއި އެހެން ގައުމުތަކުގެ ކޯޓުތަކުގައި ދައުވާ އުފުލުމުގެ މަސައްކަތް ފަށައިފީމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އެކަންކަމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަންކަންކަމަށާއި ޖިނާއީ ބޮޑެތި ކުށްތައް ކަނޑައެޅިފައިވާ ކަންކަމަށްވާތީ، އެ މައްސަލަތަކުގައި އެމްޑީޕީން ދޫނުދީ، ރޭއްޖޭގެ ކޯޓުތަކަށާއި ރާއްޖޭން ބޭރުގެ ކޯޓުތަކަށް މައްސަލަތައް ހުށަހެޅުމުގެ ގޮތްތައް ބަލަމުންގެންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ޖީއެމްއާރާއި އެކު ވެފައިވާ ކޮންސެޝަން އެގްރީމެންޓް ގާނޫނާ ޚިލާފަށް ބާތިލުކުރުމާ ގުޅިގެން ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ޒިންމާ ކޮންސެޝަން އެގްރީމެންޓްގެ ދަށުން، ދިވެހި ސަރުކާރާއި އެމްއޭސީއެލް އިން އުފުލަންޖެހޭނެ ކަމަށެވެ.

ޖީއެމްއާރު އެއްބަސްވުން އުވާލީ ގާނޫނާ ޚިލާފަށް ކަމަށް އާބިޓްރޭޝަނުން ފުރަތަމަ މަރުހަލާއިން ކަނޑައެޅި ނަމަވެސް ބަނޑާރައިބު މުހައްމަދު އަނީލް މިއަދު ވިދާޅުވީ، ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 1.4 ބިލިޔަން ޑޮލަރު ދޭން ނުޖެހޭނެކަން ކަށަވަރުވެއްޖެ ކަމަށެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ މިންވަރު އެނގިގެން ދާނީ އާބިޓްރޭޝަންގެ ދެވަނަ މަރުހަލާ ނިމުމުން ކަމަށާއި އާބިޓްޝަންގެ ދެ ވަނަ މަރުހަލާ ފެށުމަށް އަހަރެއް ނުވަތަ މަސްތަކެއް ވެގެންދާނެ ކަމަށްވެސް އަނިލް ވިދާޅުވި އެވެ.