19 Jun 2014, 20:14
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސްގެ ބިދޭސީ ފޯވާޑް އަޓަޕާ ކަޒީމް މެޗް ނިމެންދަނިކޮށް ޖެލި ލަނޑާއެކު ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 2-2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.
މިއަދު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ބީޖީ އިންނެވެ. އެލަނޑު ބީޖީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަޓަޕާ ކަޒީމެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހާ ބީޖީން ލީޑް ނެގިތާ 12 މިނެޓް ފަހުން މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްލުމަށް ރަނގަޅު ފުރުޞަތެއް ލިބުނެވެ. މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާގެ އަބްދުލް ވާހިދު އިބްރާހިމް ވަރަށް ރީތިކޮށް ބަލައިލުމަށްފަހު ގޯލުޖަހަން ތަނަވަސް ކޮށްދިން ބޯޅަ އެޓީމުގެ މެސެޑޯނިއާގެ ފޯވަޑް ރިސްޓޭ ނައުމޯފް ޖެހީ ގޯލުގެ ބޭރަށެވެ.
ނަތީޖާއަށް ބަދަލެއް ނާއިސް، މެޗުގެ ދެ ވަނަ ހާފް ފެށިގެން މާގިނައިރު ތަކެއް ނުވަނީސް މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. މެޗުގެ 47 ވަނަ މިނެޓުގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ވަރަށް ބަލާލައިފައި އެޓީމުގެ ކެޕްޓަން އައްސަދުﷲ އަބްދުﷲ އަށް ގޯލް ޖަހަން ދިން ބޯޅަ އޭނަ ޖެހީ ބީޖީގެ ކީޕަރު އަތަށެވެ.
މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި މާޒިޔާއިން ބީޖީ ކޮޅަށް ގިނަ ހަމަލަތަކެއް އުފައްދަމުން ދިޔައެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 60 ވަނަ މިނެޓުގައި މާޒިޔާގެ މެސެޑޯނިއާގެ ފޯވަޑް ރިސްޓޭ ނައުމޯފް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ މާޒިޔާއަށް ހަމަހަމަ ކޮށްދިނެވެ. އެލަނޑު އޭނަ މާޒިޔާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ ދެ ވަނަ ހާފުގައި ކުޅެން ނިކުތް އަހުމަދު ނާޝިދު (ނައްޓޭ) ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ބީޖީގެ ގޯލު ތެރެއަށް ބޯޅަ ވަނީ އެ ޓީމުގެ ކީޕަރު އަތުގައި ޖެހިފައެވެ.
ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ މާޒިޔާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި ކަމުގައި ވިޔަސް ބީޖީއިން އައީ މެޗުގެ ނަތީޖާއަށް ބަދަލު ގެނައުމަށް މާޒިޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ބީޖީގެ މުހައްމަދު އައްޒާމަށް ދެ ވަނަ ފަހަރަށް މެޗުގެ ލީޑް ނަގަން ލިބުނު ފުރުސަތު ބޭކާރުވެގެން ދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ އައްޒާމް ފޮނުވާލި ބާރު ބޯޅަ ދިޔާއި ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މިއަދުގެ މެޗުގައި މާޒިޔާއަށް ލީޑް ނަގައިދިން ލަނޑު، މެޗުގެ 80 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ދެ ވަނަ ހަފުގައި ކުޅެން ނުކުތް އައްސަދު އަލީ (އަޑުބަރޭ) އެވެ. އަދި މާޒިޔާއިން މެޗުގެ ލީޑް ނެގިތާ ނުވަ މިނެޓް ފަހުން ބީޖީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ބީޖީގެ ބިދޭސީ ކުޅުންތެރިޔާ އަޓަޕާ ކަޒީމް ފޮނުވާލި ޕެނަލްޓީ މާޒިޔާގެ ގޯލްކީޕަރު މުހައްމަދު ނާސިހް އަތުން ބޭރަށް ކޮށްޕާލި ވަގުތު، ރީބައުންސްވި ބޯޅަ ބީޖީގެ އައްޒާމަށް ހޯދައި އަޓަޕާ ކަޒީމަށް ޖައްސާލުމުން އޭނަ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ބީޖީއަށް މެޗުގައި ލިބުނު ޕެނަލްޓީއަކީ ދެ ވަނަ ހާފުގައި ކުޅެން ނިކުތް މާޒިޔާގެ ޑިފެންޑަރު އިބްރާހިމް އަބްދުއްﷲ، ބީޖީގެ އިބްރާހިމް ހަމްދާނަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ދެ ޓީމުގެ ނަތީޖާ ވެސް އެއްވަރުވެ، އިތުރު ވަގުތުގެ ފަސް މިނެޓުގެ ކުޅުން ކުރިއަށް ދަނިކޮށް މާޒިޔާގެ ރިލްވާން ވަހީދު ކުރި ފައުލަކާ ގުޅިގެން، މެޗުގައި އޭނައަށް ދެ ރީނދޫ ކާޑު ހަމަވެފައި ވުމުން ރެފްރީ ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލިއެވެ.
މިއަދު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޖީ އަތުން މާޒިޔާ މޮޅުވާން ދަނިކޮށް، ބީޖީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބު ކޮށްދިން ބިދޭސީ ކުޅުންތެރިޔާ އަޓަޕާ ކަޒީމެވެ.
ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެމެޗުގައި ބައްދަލުކުރާ ދެޓީމަކީ މަހިބަދޫ ސްޕޯޓްސް ކުލަބާއި އޭވައިއެލް އެވެ.