ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އުވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީން އެ މިނިސްޓްރީ އުވާލެއްވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކަމަށެވެ.

އެ މިނިސްޓްރީ އުވާލެއްވުމަށްފަހު އެމިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ބައެއް ތަންތަނާއި، އެ މިނިސްޓްރީން ކުރަމުންދިޔަ މަސައްކަތްތައް، ސަރުކާރުގެ އެހެން ބައެއް އިދާރާތަކަށް ރައީސް މިއަދު ބަދަލުކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ރީޖަނަލް އެއަޕޯޓްސް ބަދަލުކުރެއްވީ، ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ ބަދަލުކުރެއްވީ، އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ކަމަށާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ބަދަލުކުރެއްވީ، ހޯމް މިނިސްޓްރީގެ ދަށަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.


ރައީސް އޮފީހުން ބުނީ އެ މިނިސްޓްރީން ކުރަމުންދިޔަ އެހެނިހެން މަސައްކަތްތައް ބަދަލުކުރައްވާފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީއަށާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ކަމަށެވެ.