19 Jun 2014, 19:32
ހދ. ކުޅުދުއްފުށީގައި ހުންނަ އެ އަތޮޅު ރީޖިނަލް ހޮސްޕިޓަލްގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުރި މައްސަލަތައް ފާހަގަކޮށް ހދ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮސްޕިޓަލުގައި ކޮންމެހެން ހުންނަންޖެހޭ ބައެއް ތަކެތި ނެތުމާއި، ފެންވަރު ރަނގަޅު ޑޮކްޓަރުން ނެތުމުގެ ސަބަބުން އެތައް ހިތާމަވެރި ކަމެއް ހިނގަމުން އަންނަ ކަމަށެވެ.
"ނައްތާލަންޖެހޭ ތަކެތި ނައްތާލެވޭނެ އެކަށީގެންވާ ސިސްޓަމެއް ގާއިމްކުރެވިފައި ނެތް. އަންގިއާއި، ޖެލް ފަދަ ޑިސްޕޯސަބަލް އައިޓަމްސް ނެތިގެން އެކަށީގެންވާ ހިދުމަތް ނުދެވުން ފަދަ އެތަކެއް ހާލަތެއް މެދުވެރިވެފައިވެ. ދޮރުފޮތިތައް ބާވެ، އެނދުގައި އަޅާ ބެޑް ޝީޓްތަކާއި ބާލީހު އުރަތައް ވީދިގެންގޮސްފައިވޭ،" އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ބައްޔާ ނުގުޅޭ ބޭސް ދިނުމާއި ރަނގަޅަށް ބަލި ދެނެނުގަނެ ބޭސް ދިނުންފަދަ ނުރައްކާތެރި އެތައް ކަމެއް އެ ހޮސްޕިޓަލްގައި ހިންގަމުންދާ ކަމަށެވެ.
"ގޫގުލްއިން ސާޗްކޮށްލުމަށްފަހު ބޭސް ސިޓީ ލިޔުންފަދަ އެތަކެއް އަމަލުތަކެއް ޑޮކްޓަރުންގެ ފަރާތުންވެސްދަނީ ފެންނަމުންނެވެ. ނަތީޖާއަކީ ލޮލުގައި ރިއްސާތީ ޑޮކްޓަރަށް ދައްކާ ބަލިމީާއަށް ވިއެގްރާފަދަ ބައްޔާ ގުޅުންނެތް ބާރުގަދަ ބޭސް ލިޔެދީފައިވުމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެތެރެހަށީގެ ޑޮކްޓަރެއްގެ ޚިދުމަތް ނުލިބޭތާ ހަތް މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އަންހެނުންގެ ޚާއްސަ ތިން ޑޮކްޓަރުން ތިބެންޖެހޭ ތަނެއްގައި އެންމެ އަންހެނުންގެ ޑޮކްޓަރެއް 24 ގަޑިއިރު މަސައްކަތް ކުރަމުންދާކަމަށް ވެސް އަތޮޅު ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިޔަ މާބަނޑު އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ބުނެ، ގެއަށް ފޮނުވާލިތާ 24 ގަޑިނުވަނީސް އިއްޔެ މަންމަގެ ބަނޑަށް ދަރިފުޅު މަރުވި ހާދިސާއަށް އަލިއަޅުވާލައްވައި ކައުންސިލުން ބުނެފައިވަނީ މާބަނޑު މީހުން ސްކޭން ހެދުމަށް އެކަށީގެންވާ ވަރުގެ ވަސީލަތްތައް އެ ހޮސްޕިޓަލްގައި ނެތް ކަމަށެވެ. އަދި އެފަދަ ނުރައްކާތެރި ހާދިސާތައް ހިނަގަނީ އެކަމުގެ ސަބަބުން ކަމަށް ބެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ހޮސްޕިޓަލުގައި ހުރި އެކްސްރޭ މެޝިން ހަލާކުވެފައިވާ ހުންނަތާ ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ޕޯޓަބަލް އެކްސްރޭ މެޝިނަކުން ނެގޭ މައިނާ އެކްސްރޭއެއް ފިޔަވައި އިތުރު އެކްސްރޭ އެއް ނެގެން ނެތުމުން އެކްސްރޭ ނަގަން މާލެ ދާންޖެހޭ ކަމަށްވެސް އަތޮޅު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޮސްޕިޓަލްގެ ލެބޯޓަރީއާ ގުޅޭގޮތުން އެ ބަޔާނުގައި ބުނެފައިވަނީ، ލެބޯޓަރީއަށް ބޭނުންވާ ސާމާނުތައް ނެތުމުގެ ސަބަބުން ގިނަ ޓެސްޓުތަކެއް ހެދެން ނެތް ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ހެލްތް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް މިނިސްޓްރީން މިހާތަނަށް އެއްވެސް ކަމެއް ހައްލުކޮށްފައިނުވާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.
ހޮސްޕިޓަލްގެ ކަންތައްތައް ހައްލުކުރުމަށް ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއާ ބައްދަލުކުރެއްވުމަށް އެޕޮއިޓްމަންޓަކަށް އެދުމުން ޒިންމާދާރު ކުޑަ ޖަވާބެއް ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ޚާއްސަ ޑޮކްޓަރުންނާއި ވަސީލަތްތައް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ހޯދައި ނުދީފިނަމަ ހދ. އަތޮޅުގެ ހުރިހާ ރައްޔިތުން ގުޅިގެން ސިލްސިލާ އިހްތިޖާޖެއް ފަށަންޖެހިދާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ "ސަން" އަށް ވިދާޅުވީ މިހާރުވެސް ފެންވަރު ނެތް ޑޮކްޓަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ޑޮކްޓަރުން އަތޮޅުތެރެއަށްދާން ދެކޮޅު ހަދަމުންދާ ކަމަށާއި "ގަދަކަމުން" ޑޮކްޓަރުން އަތޮޅުތެރެއަށް ނުފޮނުވޭނެ ކަމަށެވެ.
"ބައެއް ޑޮކްޓަރުން އެބަ ރިފިއުސް ކުރޭ އަތޮޅުތެރެއަށްދާން. ވަކިވެގެންދާންޖެހުނަސް ހަމަ އެބަ ބޭނުންވޭ އައިޖީއެމްއެޗްގައި ނުވަތަ މާލޭގައި މަސައްކަތްކުރަން. ދެން ކިހިނެތްތޯ އަޅުނގަޑުމެން ގަދަކަމުން އެބޭފުޅުން ފޮނުވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސިއްހީ ދާއިރާ އޮތީ ވަރަށް ހާލުގައި ކަމަށާއި ސަރުކާރުން ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކަށް އިހުމާލުވެފައި ނުވާނެ ކަމަށް މިނިސްޓަރު ޝަކީލާ ވިދާޅުވިއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މައްސަލަތައް ހުރި ހޮސްޕިޓަލްތަކަށް އަވަސް ހައްލެއް ހޯދައިދެވޭތޯ ކަމަށްވެސް ޑރ. ޝަކީލާ ވިދާޅުވި އެވެ.
މިނިސްޓަރު ޝަކީލާ ވިދާޅުވީ، އެއްވެސް ކައުންސިލަކާއި ބައްދަލުކުރަން ދެކޮޅު ހަދާފައި ނުވާނެ ކަމަށާއި ރާއްޖެ ތެރެއަށް ކުރައްވާ ދަތުރުތަކުގައިވެސް ކައުންސިލްތަކާއި ބައްދަލުކުރައްވާ ކަމަށެވެ.
"ކައުންސިލްތަކާއި ބައްދަލުކުރުމަށް އަޅުގަނޑު ދެކޮޅު ހަދާފައެއް ނޯންނާނެ. އަޅުނގަޑަށް ވަގުތު އޮތް ވަރަކުން ހަމަ ބައްދަލުކޮށްފައިވާނެ. ނަމަވެސް އަޅުނގަޑު ރަށުން ބޭރުގައި އުޅޭ ވަގުތެއް ނުވަތަ ބިޒީ ވަގުތެއްގައި ބައްދަލުނުކުރެވިއްޖެ ނަމަވެސް އަޅުނގަޑު މިނިސްޓްރީގައި ބުނެފައި އޮންނާނީ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވާން،" މިނިސްޓަރު ވިދާޅުވި އެވެ.