19 Jun 2014, 17:29
ގާކުނޑިއަޅަމުން ގޮސް އެއް ނަންބަރު ކުނިކޮށި ފުރިފައިވާތީ އެތަން ހުސްކުރުމަށް 21 މިލިއަން ރުފިޔާ އަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
މިއީ އެއް ނަންބަރު ކުނިކޮށި ހުސްކުރުމަށް އެމްޓީސީސީއާ ހަވާލުކުރެވުނު ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެކޮށި ހުސްކުރަން އެމްޓީސީސީއާ ހަވާލުކުރުމުން އެކުންފުނިން ވަނީ އެފަހަރު ވެސް އެތަނުގައި ހުރި ހުރިހާ ކުނިތައް ހުސްކޮށްފައެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެއް ނަންބަރު ކުނިކޮށި ހުސްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އެމްޓީސީސީގެ ފަރާތުން ޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ތިން މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށާއި ކުރިއަށް އޮތް 10 ދުވަސްތެރޭ މަސައްކަތް ފެށޭނެ ކަމަށެވެ.
މަސައްކަތް ނިމެންދެން އެކޮށްޓަށް ކުނިއެޅުމަކީ މަނާކަމެއް ކަމަށާއި ވަގުތީގޮތުން ކުނި އަޅާނެ ވަކި ސަރަހައްދެއް މާލޭ ސިޓީ ކައުންސިލުން އަންގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ، އެއް ނަންބަރު ކުނިކޮށްޓަށް ކުރިއަށް އޮތް ތަނުގައި ކުނި އެޅޭނީ މެނޭޖްމަންޓް ޕްލޭން އެއްގެ ދަށުން ކަމަށާއި އެ ޕްލޭން އެކުލަވާލުމަށް ސިޓީ ކައުންސިލާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"މިއަންނަ އަހަރުވެސް އެތަށް ބައިވަރު ކުނިއެއްކޮށްގެން ހުސްކުރަން ވެއްޖެއްޔާ ސަރުކާރުން ހަރުދާވާނެތީމަ މެނޭޖްކުރެވޭނެ ގޮތެއް ހަދަންޖެހޭ. ގަބޫލުކުރާ ގޮތުގައި މިކަންތައްތައް ރަނގަޅަށް ކުރެވޭނީ މިތަންތަނަށް ކުނި އަޅާ ފަރާތްތަކުން ކޮންމެވެސް ވަރެއްގެ ފީއެއް ނެގިގެން. އެކަމަށް ސިޓީ ކައުންސިލާއި މަޝްވަރާ ކުރެވެމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ގޭގެއިން އުކާލެވޭ ކުނިބުނި އެޅުމަށް މިހާރު ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ބާއްވާފައިވާ ކުނި ބާޖުވެސް، ކުރިއަށް އޮތް ތަނުގައި އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.