19 Jun 2014, 17:16
އަބުރާބެހުން މަނާކުރުމުގެ ބިލަކާއި ޚިޔާލުފާޅުކުރުމުގެ ބިލްގެ އިތުރުން ތައުލީމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް ބަންޑާރަ ނާއިބް މުހައްމަދު އަނީލް ވިދާޅުވެއްޖެ އެވެ.
ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރެއްވި ބައެއް ބޭފުޅުންނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާ ނާއިބް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ ތިން ބިލް މަޖިލީހަށް ހުށަހެޅުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ބަންޑާރަ ނާއިބް ވިދާޅުވީ އާ މަޖިލީހުގެ ޖަލްސާތައް ފެށުމާ އެކު މިހާތަނަށް 22 ބިލް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށެވެ. އޭގެތެރޭގައި ނުވަ ވަރަކަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މިދައުރުގެ ތެރޭގައި 50 ވަރަކަށް ބިލް މަޖިލީހަށް ހުށަހެޅޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ގާނޫނު އަސާސީއާ ތައާރަޒުވާ ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި ނަމަވެސް މިއަދާހަމައަށް ވެސް އެކަން ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.