19 Jun 2014, 16:50
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކޮލަމްބިއާ އާއި އައިވަރީ ކޯސްޓް މިރޭ ވާދަކުރާއިރު ދެޓީމަށްވަސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ހުޅިވިފައި އޮތުމަކީ މިމެޗު އިތުރަށް ފޯރިގަދަވާނެ ކަމެއް ކަމަށް ބެލެވެއެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޖަޕާނާ ވާދަކޮށް އައިވަރީ ކޯސްޓް 2-1 ލަނޑުން މޮޅުވެފަވާއިރު، ކޮލަމްބިއާ ވަނީ ގްރީސް އަތުން 3-0 ލަނޑުން މޮޅުވެފައެވެ.
ކޮލަމްބިއާ އިން މުބާރާތުގެ ފުރަތަމަ މެޗުގައި ބޭނުންކުރި ފުރަތަމަ 11 ބޭނުންކުރާނެ ކަމަށް ލަފާކުރެވެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކޮލަމްބިއާގެ މިޑްފީލްޑަރު ފެރްޑީ ގުއާރިން ސަސްޕެންޝަނުގައި ހުރުމަށްފަހު މި މެޗުގައި ކުޅޭނެއެވެ. ކޮލަންބިއާގެ ފޯވާޑް ކާލޯސް ބާކާ އަށް ލިބުނު އަނިޔާއެއްގެ ސަބަަބުން މިރޭގެ މެޗުގައި އޭނާއެއް ނުފެންނާނެ އެވެ.
މި މެޗުގައި އައިވަރީ ކޯސްޓް ކޯޗު ސަބްރީ ލަމޫޗީ ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ. އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޑިޑިއާ ޑޮރްގްބާ ޖަޕާނާއެކު ކުޅުނު މެޗުގައި ބެންޗުން ފެނުނު ނަމަވެސް މި މެޗުގައި އެ ޓީމުގެ ކެޕްޓަން ޑްރޮގްބާ ފުރަތަމަ އެގާރައިގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ. އަދި ކުޅުމުގެ ސިސްޓަމް ވެސް ބަދަލުކޮށްލުމުގެ ގޮތުން ޖަޕާނު މެޗުގައި ލަނޑުޖެހި ކުޅުންތެރިޔާ ވިލްފްރެޑް ބޯނީ ބެންޗުން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލްކުރެވެ އެވެ.
ޖަޕާނު އަތުން އައިވަރީ ކޯސްޓް މޮޅުވެފައި ވަނީ ޖަޕާނުން ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ދެ ގޯލް ކާމިޔާބު ކޮށްގެންނެވެ. އެންމެ ފަހުން ވޯލްޑް ކަޕްގައި މޮޅުވެފައިވާ ތިން މެޗުގެ ތެރެއިން ދެ މެޗުން އައިވަރީ ކޯސްޓް މޮޅުވެފައި ވަނީ އިދިކޮޅު ޓީމުން ގޯލެއް ޖަހަފައި ވަނިކޮށެވެ.
މުބާރާތުގައި ކޮލަމްބިއާ ވާދަކުރަމުން ދަނީ އެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިން އަނިޔާގެ ސަބަބުން ނުކުޅެވޭތީވެ އެ ކުޅުންތަރިންނާއި ނުލައެވެ. އެހެންވެ ކޮލަމްބިއާގެ ކޯޗު ހޯސޭ ޕެކަމެން އެކި މެޗްތަކުގައި ތަފާތު ފޯމޭޝަންތަކަށް ޓީމު ބައްޓަން ކުރަމުން ދާކަން ފާހަގަކޮށްލެވެ އެވެ. ކޮލިފައިންގައި އެ ޓީމު ބޭނުންކޮށްފައި ވަނީ 1-3-2-4 ސިސްޓަމެވެ. ނަމަވެސް މިރޭގެ މެޗުގައި އެ ޓީމު ބޭނުންކުރާނެ ކަމަށް ބެލެވެނީ 2-4-4 ސިސްޓަމް ނުވަތަ 2-2-2-4 ސިސްޓަމެވެ.
* ދެޓީމުގެ ކުރިމަތިލުންތައް
މިއީ މި ދެޓީމު ބައިނަލްއަގުވާމީ މެޗެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިހާރުގެ ކޮލަމްބިއާ ކޯޗު އަޖެންޓީނާގެ ކޯޗަކަށް 2006ވަނަ އަހަރު ވޯލްޑްކަޕްގައި ހުރެ 2-0 ލަނޑުން އައިވަރީ ކޯސްޓް ވަނީ ބަލިކޮށްފަ އެވެ.
* ކޮލަމްބިއާ
އެންމެ ފަހުން ގްރީސް އަތުން 3-0 ލަނޑުން މޮޅުވި މޮޅުވުމަކީ ވޯލްޑް ކަޕްގެ ތާރީހުގައި ކޮލަމްބިއާ އަށް ލިބުނު އެންމެ ބޮޑު މޮޅެވެ. 2013ވަނަ އަހަރުގެ ސެޕްޓެމްބަރު 10ވަނަ ދުވަހު އުރުގުއާއީ އަތުން ބަލިވި ފަހުން އެ ޓީމުން ވަނީ ބަލިނުވެ އަށް މެޗު ހަމަކޮށްފަ އެވެ. މިއީ ކޮލަމްބިއާ ކެޕްޓަން މާރިޔޯ ޔެޕެސް އެ ޓީމަށް ކުޅޭ 100ވަނަ މެޗެވެ.
* އައިވަރީ ކޯސްޓް
މިހާތަނަށް ވޯލްޑް ކަޕްގައި 11 ގޯލް ޖެހި އިރުގައި އޭގެ ތެރެއިން ހަތް ގޯލް ޖަހާފައި ވަނީ ފަހު ހާފުގައެވެ. އެންމެ ފަހުން ވޯލްޑް ކަޕެއްގައި އައިވަރީ ކޯސްޓް ލަނޑެއް ނުޖެހި މެޗެއް ނިންމާލީ 2010ވަނަ އަހަރު ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.