ވޯލްޑް ކަޕުގެ ގްރޫޕް އެފްގައި އާޖެންޓީނާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރި މެޗު ބެލުމަށްޓަކައި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑާނޯ އާއި އޭނާގެ ދަރި ޑިއޭގޯ ފެނާންޑޯ ދިޔުމުން ފީފާ އޮފިޝަލުން އެމީހުންނަށް ހުރަސް އެޅި ކަމަށް ބުނެ އެކަމާއި މެދު މަރަޑޯނާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ވޯލްޑް ކަޕް ފެށި ފަހުން ބްރެޒިލްގައި ހުރެ މީޑިއާގައި ފީފާގެ އުސޫލުތަކާއި ބެހޭގޮތުން ވާހަކަދައްކައި މަރަޑޯނާ ދަނީ އެ އިދާރާއަށް ފާޑު ކިޔަމުންނެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެސްޓޭޑިއޯ މެރަކާނާގައި ކުރިއަށް ދިޔަ މެޗު ބެލުމަށްޓަކައި ދަނޑަށް ނުވެއްދުމުން މަރަޑޯނާ ވަނީ އާޖެންޓީނާ ޗެނަލްއެއް މެދުވެރިކޮށް އެކަން ހިނގިގޮތް ކިޔައިދީފަ އެވެ.

"މެޗު ބެލުމަށްޓަކައި ދަނޑަށް ވަނުމަށް އަހަރެންނަށް ހުއްދައެއް ނުދިން،" ޓީވައިސީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "ދަނޑަށް ނުވެއްދުމުން ދެވަނަ ހާފު ބެލުމަށްޓަކައި އަހަރެން ދިޔައީ ހޮޓެލަށް. ދަނޑަށް ވަނުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. އެކަމަކު އެމީހުން އަހަރެމެންނެއް ނުވެއްދި،"

ބޮސްނިއާ އަތުން 2-1 ލަނޑުން މޮޅުވެ ހޯދި ކާމިޔާބަށް ފަހު، ދެން އާޖެންޓީނާ ނުކުންނާނީ އީރާނާއި ދެކޮޅަށެވެ. އެސްޓޭޑިއޯ މިނޭރާއޯގައި ކުޅޭ މި މެޗަށް އާޖެންޓީނާ ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00ގަ އެވެ.