ޑިފެންސް މިނިސްޓްރީއާ ކާނަލް މުހައްމަދު ނާޒިމާ ދެމެދު އުސޫލީ ޑްރާފްޓް އެގެރިމެންޓަކާ ހަމައަށް ދެވިފައިވާ ކަމަށް ކޯޓުގައި ނާޒިމްގެ ފާރަތުން ބުނެފި އެވެ.


ސިފައިންގެ ވަޒީފާއިން ވަކިކުރި ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ ކޯޓުން ބޭރުގައި ނިންމުމަށް ސިވިލް ކޯޓުން ދީފައިވާ ފުރުސަތު ހަމަވުމާއެކު މިއަދު ބޭއްވި ޝަރީއަތުގައި ނާޒިމްގެ ގާނޫނީ ވަކީލު ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ މިނިސްޓްރީ އޮފް ޑިފެންސާއި ނާޒިމާ ދެމެދު އެއްބަސްވުމަކަށް ދިއުމަށް ޑްރާފްޓް އެގްރިމެންޓެއް މިހާރު އެކުލަވައިލެވިފައިވާ ކަމަށެވެ.


އެ މަސައްކަތް ހިނގާފައި ވަނީ ޑިފެންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރާއެކުގަ އެވެ.


އާޒިމާ ވިދާޅުވީ މި މައްސަލައިގައި ދެފަރާތުން ވެސް މިހާރު އިންތިޒާރު ކުރަމުންދަނީ އެކުލަވައިލެވުނު ޑްރާފްޓަށް ބަންޑާރަ ނައިބުގެ ފަރާތްޕުޅުން އަރުވާ ލަފަޔަކަށް ކަމަށެވެ. ކޯޓުގައި އާޒިމާ ވިދާޅުވީ މިހާރު އެކުލަވައިލެވިފައިވާ އެގްރިމެންޓް ގައި ސޮއިކުރުމަށް މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް މަޑު ކުރާނެ ކަމަށާއި އެ ތާރީހާ ހަމައަށް ގޮތެއް ނުނިމިއްޖެނަމަ ބޭނުން ވަނީ މައްސަލަ ކުރިޔަށް ގެންދިއުމަށް ކަމަށެވެ.


ކާނަލް ނާޒިމްގެ މައްސަލަ ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމުމުގެ ފުރުސަތަށް އެދުނީ ދައުލަތުންނެވެ. އެގޮތަށް އެދުމުން ކޯޓުން ވަނީ އެކަމަށް ފުރުސަތު އަރުވާފަ އެވެ. މިހާތަނަށް ދެ ފަރާތުން އެއްބާރުލުން ދެމުން އައި ނަމަވެސް މައްސަލަ ވަނީ މުޅިން ހައްލު ނުވެ އެވެ.


ކާނަލް ނާޒިމް ވަޒީފާއިން ވަކި ކުރީ 2009 ގައެވެ. އޭނާ ޝަރީއަތުގައި އެދިފައި ވަނީ ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށާއި ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތަށް ދޭންޖެހޭ މުސާރައާ އިނާޔަތަށް ޝަރީއަތުން ނަގައި ދިނުމަށެވެ.