19 Jun 2014, 15:50
ވޯލްޑް ކަޕުގައި ވާދަކުރާ ޗިލީ އަށް މުބާރާތުގެ ވަރަށް ދުރަށް ދަތުރުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެ ޓީމު ވެގެންދާނީ މުބާރާތުގެ ހައިރާންކުރަނިވި ޓީމު ކަމަށް ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ބުނެފި އެވެ.
މި މުބާރާތަށް ޗިލީ ކުރިމަތިލީ އިރު، އެ ޓީމު އުނދަގޫ ގްރޫޕެއްގައި ހިމެނިފައި ވީ ނަމަވެސް އެ ޓީމުން ވަނީ ގަދަ ސޯޅައިގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 3-1 ލަނޑުން މޮޅުވި އިރު، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް ކުޅެ ރޭ އެ ޓީމު މޮޅުވެފައި ވަނީ 2-0 ލަނޑުންނެވެ.
ސްޕެއިންއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އެ ޓީމަށް ކާމިޔާބު ލިބުނީ ޗާލްޗް އަރަންގުއިޒް އަދި އެޑުއާޑޯ ވާގަސް ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ. ޗިލީ އަތުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު ސްޕެއިންއަށް ލިބުނު ނާކާމިޔާބަކީ އަށް އަހަރު ތެރޭގައި ބޮޑު މުބާރާތެއްގެ އެޓީމަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ.
"އަހަރެމެންގެ ޒުވާން ޓީމަކީ އަބަދުވެސް މޮޅުވުމުގެ ހިޔާލު ގެންގުޅޭ ޓީމެއް،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވިޑާލް ބުންޏެވެ. "އަހަރެމެން ވޯލްޑް ކަޕުގެ ވަރަށް ދުރަށް ދަތުރުކޮށް، މުބާރާތުގެ ހައިކުރަނިވި ޓީމުގެ ގޮތުގައި ހިމެނޭނެ،"
ގްރޫޕް ސްޓޭޖުގައި ޗިލީ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ މި ގްރޫޕުން ސަދަ ސޯޅައިގެ ޖާގަ ކަށަވަރުކުރި ދެވަނަ ޓީމާ ދެކޮޅަށެވެ. ގްރޫޕްގެ އެއްވަނަ ކަނޑަ އެޅުމަށް ނަދަލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗަށް ޗިލީ ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00ގަ އެވެ.