19 Jun 2014, 15:37
ގއ. ކަނޑުހުޅުދޫގައި ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒުވާނަކަށް ތޫނިއެއްޗަކުން ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 11:20 އެހައިކަށްހާއިރު ކަމަށެވެ.
އުމުރުން 35 ވަރަކަށް އަހަރުގެ އެ ޒުވާނާގެ ބުރަކައްޓަށް ތޫނުއެއްޗެއް ހަރާލުމުން އެއްއިންޗި ފުންމިނުގެ ޒަޚަމެއް ލިބިފައިވާ ކަމަށް އެރަށު ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.
ކައުންސިލް މެމްބަރަކު ވިދާޅުވީ އެ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ އުމުރުން 16 އަހަރުގެ ކުއްޖަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާ އެކު ވެސް ރޭ އެރަށުން ޒުވާނަކު ހައްޔަރުކުރި ކަމަށެވެ. އަދި މަހަށް ގޮސް އުޅުނު ބަޔަކަށް ތޫނުއެއްޗަކުން ބިރުދެއްކި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަނޑުހުޅުދޫގައި ޕޮލިސްޓޭޝަނެއް ނުހުންނަ ކަމަށާއި އެރަށުގައި މަސައްކަތް ކުރަނީ އެންމެ ދެ ފުލުހުން ކަމަށް ކައުންސިލުން ބުންޏެވެ.
މިފަހަކަށް އައިސް ކަނޑުހުޅުދޫގައި މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ވެސް ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.