ޓީވީ މޯލްޑިވްސް(ޓީވީއެމް) އިން މި އަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކާއި ޕްރީ ޝޯތައް ފޮނުވަނީ އެޗުޑީކޮށް ކަމަށާއި އެ ފެންވަރުގައި އެ މެޗުތަކާއި އެ ޕްރޮފްރާމްތައް ރައްޔިތުންނަށް ދައްކައި ދިނުމަށް، ކޭބަލް އޮޕަރޭޓަރުގެ ކިބައިއިން ޓީވީއެމް އިން އެދިއްޖެ އެވެ.

ޓީވީ މޯލްޑިވްސް ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރަޝޭނުން (އެމްބީސީ) މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ހިދުމަތް އެއްވެސް އަގާ ނުލައި ކޭބަލް މެދުވެރިކޮށް ޓީވީއެމްގެ ބެލުންތެރިންނަށް ފޯރުކޮށް ދިނުމަށް، ކެބަލް އޮޕަރޭޓަރު، މީޑިއާ ނެޓްގެ ފަރާތުން އެދޭ ކަމަށެވެ.

"މީޑިއާ ނެޓްގެ ޗެނަލްތަކުގެ ތެރޭގައި އެމްބީސީ އެޗުޑީ ޗެނަލް ހިމަނުއްވައި ދެއްވިހާ އަވަހަކަށް މީޑިއާ ނެޓްގެ ކޭބަލް ޓީވީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް މި ކަމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ވާހަކަ ދެންނެވީމެވެ." އެމްބީސީ އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޓީވީއެމްގެ ޕްރޮގާމްތަކާއި ވޯލްޑް ކަޕް މެޗުތައް ކޭބަލްގެ އިތުރަށް އެންޓަނާތައް މެދުވެރިކޮށް ޓެރިސްޓީރިއަލްކޮށް ވެސް ފޮނުވަ އެވެ.

ބްރޯޑް ކާސްޓިން ކޮމިޝަނުން ލިސްޓެޑް އިވެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖޭގައި ދެެއްކުމަށް ރައިޓްސް ނަގާފައި ވަނީ ޓީވީއެމް އާއި ވީޓީވީ އެެކަނި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ. ޓީވީއެމް އިން އެ ރައިޓްސް ނެގީ 190،000 ޑޮލަރު (2.9 މިލިއަން ރުފިޔާ) އަށެވެ. ނަމަވެސް ކޭބަލް އޮޕަރޭޓަރު މީޑިއާ ނެޓް މެދުވެރިކޮށް އިންޑިއާގެ ސޮނީ ސިކްސް އިން ވެސް ދަނީ ރާއްޖޭގައި މެޗުތައް ދައްކަމުންނެވެ.

ވީޓީވީ އިން ވެސް ބުނީ އެ ޓީވީ އިން ވޯލްޑް ކަޕްގެ މެޗުތަކާއި ސްޓޫޑިއޯ ސެގްމަންޓްތައް ފޮނުވަނީ އެޗުޑީކޮށް ކަމަށާއި އެޗުޑީކޮށް ބެލުންތެރިންނަށް އެ ޕްރޮގްރާމްތައް ދައްކައި ދިނުމަށް ކޭބަލް އޮޕަރޭޓަރުގެ ކިބައިން އެދިފައިވާ ކަމަށެވެ.