19 Jun 2014, 14:02
ހުޅުމާލޭގެ ދެވަނަ ފޭހުގެ ބިން ހިއްކުމުގެ މަސައްކަތް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އަށް ބެލްޖިއަމްގެ ޑުރެޖިން އިންޓަނޭޝަނަލްއާ ހަވާލުކޮށްފި އެވެ.
އެޗްޑީސީގެ މީޑިއާ އޮފީޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މަސައްކަތް ޑުރެޖިން އިންޓަނޭޝަނަލްއާ އިއްޔެ ހަވާލުކޮށްފައި ވަނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފައްޓައި އަދި މުޅި ޕްރޮޖެކްޓްގެ މަސައްކަތް މި އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމުމަށް ކަމަށެވެ.
ހުޅުމާލެ ހިއްކުމުގެ މަސައްކަތަކީ ގިނަ ދުވަސްތަކަކަށް ދިގުލައިގެން ގޮސްފައިވާ މަސައްކަތެކެވެ. އެ މަސައްކަތް ދިގުލައިގެން ދިއުމަށް އެންމެ ބޮޑަށް ދިމާވި ސަބަބަކަށްވީ ކޮންޓެކްޓާ ފައިނޭންސް ހަމަނުޖެހިގެންނެވެ.
ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރު ކަމަށް އެޗްޑީސީ އިން ބުންޏެވެ. އަދި އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ހިންގި މަޝްރޫއު އެކެވެ.
އެޗުޑީސީ އިން ލަފާކުރާ ގޮތުގައި ހުޅުމާލޭގައި މިހާރު 30،000 މީހުން ދިރިއުޅެ އެވެ.