19 Jun 2014, 13:51
ނައިޖީރިއާގެ އަވަށެއްކަމަށްވާ ޑަމާޓްރޫގައި ގާނޫނާ ޚިލާފަށް ވޯލްޑް ކަޕް މެޗު އަޅުވައިގެން ބަލަމުންދިޔަ ތަނެއްގައި ބޮންގޮންވާލުމުން 14 މީހަކު މަރުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި މެޗު ބަލަން ތިބި މީހުންގެ ތެރެއިން 14 މީހަކު މަރުވިއިރު، 26 ވަރަކަށް މީހުންނަށް އަނިޔާވިކަމަށް ޑަމާޓްރޫގެ ފުލުހުނާ ހަވާލާދީ އެސޯސިއޭޓެޓް ޕްރެސް (އޭޕީ) ބުންޏެވެ.
"ބޮންގޮވި ތަނާ އަހަރެން ދިޔައީ ސިއްސައިގެން. އަހަންނަށް ހުރެވުނު ތަނެއް ވެސް ނޭނގުނު،" ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލުގައި ހޭއެރި، ބަބަގަނާ މުހައްމަދު ބުންޏެވެ.
މަންޒަރުދުށް މީހުން ބުނިގޮތުގައި އެ ހަމަލާދީފައި ވަނީ ތިން ފުރޮޅުލީ ކުލީދުވެއްޔެއްގައި ގިނައަދަދެއްގެ ބޮންހަރުކޮށްގެން މީހަކު ގޮސް ޖާނުންފިދާވެގެން ކަމަށެވެ.
އެ ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވިނަމަވެސް ހަމަލާދިން ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެއީ ނައިޖީރިއާގައި ބިރު ފަތުރަމުންދާ ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްގެ ރޭވުމެކެވެ.
ބޯކޯ ހަރާމް ޖަމާއަތަކީ ޔުގާންޑާގައި 2010 ވަނަ އަހަރު ފުޓުބޯޅަ މެޗެއް އަޅުވައިގެން ބަލަނިކޮށް އެތަން އެތަނަށް ބޮންއަޅައި ހަމަލާދީފައިވާ ޖަމާއަތެކެވެ.
ބޯކޯ ހަރާމް ޖަމާއަތުގެ އެކްސްޓްރީމިސްޓު ގުރޫޕުން ނައިޖީރިއާގެ މެދުގައި އޮންނަ ހަތަރު އަވަށެއްގައި މިއަހަރުގެ މިހާތަނަށް ދިން ބޮމުގެ ހަމަލާތަކުގައި 2000 އަށް ވުރެ ގިނަ ނައިޖީރިއަށް ނިސްބަތްވާ މީހުން ވަނީ މަރުވެފައެވެ.
އެ ޖަމާއަތުން ވަނީ ނައިޖީރިއާގެ ސްކޫލް ކުދިންތަކެއް ވެސް ވަގަށްނަގާފަ އެވެ. އެ ޖަމާއަތުގެ ވެރިޔާ އަބޫބަކުރު ބުނެފައި ވަނީ ސްކޫލްކުދިންތައް ދޫކޮށްލާނީ ނައިޖީރިއާ ސަރުކާރުން ހައްޔަރުކޮށްފައިވާ އެ ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން ދޫކޮށްލުމުން ކަމަށެވެ. ނަމަވެސް ނައިޖީރިއާގެ ސަރުކާރުން ވަނީ އެ މީހުންގެ އެ ޝަރުތު ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ.