06 Jan 2011, 10:51
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރައްވާފައި ހުންނެވި މެމްބަރު އާއިޝަތު ވެލެޒިނީ އަށް ހޯމަ ދުވަހު ބަޔަކު ތޫނު އެއްޗަކުން ހަމަލާދިނީ ސިޔާސީ މަގްސަދެއްގައި ކަމަށް ވުމަކީ ވަރަށް ގާތްކަމެއް ކަމަށް އިންޓަނެޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައިސީޖޭ) އިން ބުނެފި އެވެ.
ގައުމުތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް ގާނޫނުތައް ތަންފީޒުކުރުމަށް ބާރުއަޅާ އެ ޖަމްއިއްޔާ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނަނީ ވެލެޒިނީ އަށް ހަމަލާދިން ހާދިސާއަށް ބަލާ އިރު އެއީ މަގުފޭރުމަށް ނުވަތަ ވައްކަމެއް ކުރުމުގެ ނިޔަތުގައި އޭނާގެ ހަށިކޮޅަށް ދީފައިވާ ހަމަލާއެއްކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އެ ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދެވުނު ހަމަލާއެއް ކަމުގައި ވެދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
"ދުވާލުގެ ވަގުތުގައި އާންމު ގިނައިން އެއްވެ އުޅޭ ތަނެއްގައި ވެލެޒިނީ އަށް ދިން އެ ހަމަލާއަކީ ވައްކަމުގެ އަމަލެއް ކުރުމަށް ދެވުނު ހަމަލާއެއްކަމުގެ އެއްވެސް ހެއްކެއް ފެންނާކަށްނެތެވެ. އެ ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދެވުނު ހަމަލާއަކަށް ވެދާނެތީ މި ޖަމްއިއްޔާ އިން ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ." އައިސީޖޭގެ ބަޔާނުގައިވެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ވެލެޒިނީ ޗާންދަނީމަގުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް އިސްކަންދަރު ސްކޫލް ކައިރިން ބުރަކަށީގެ ތިން ތަނަކަށް ހަމަލާ ދިން މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝީޔާމް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ މައްސަލައާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ.
އައިސީޖީގެ އެ ބަޔާނުގައި ރާއްޖޭގެ ޝަރުއީ ނިޒާމު މިނިވަން މުސްތަގިއްލު ކުރެއްވުމަށް ވެލެޒިނީ ކުރައްވާ މަސައްކަތްޕުޅުތަކަށް އެ ޖަމްއިއްޔާ އިން ވަނީ ތައުރީފުކޮށްފަ އެވެ. އެބަޔާނުގައި ޖޭއެސްސީން ފަޑިޔާރުން ދާއިމީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށްބުނެ އެކަން ހުއްޓުވުމަށްޓަކައި ވެލެޒިނީ ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްފައިވެ އެވެ.
ނިމިދިޔަ އަހަރުގެ އޮގަސްޓް ފަސް ވަނަ ދުވަހުގެރޭ ޖޭއެސްސީން ޝަރުތު ހަމަވާ ކަމަށް ފާސްކޮށްފައިވާ 59 ފަނޑިޔާރަކު ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތައް ވެލެޒިނީ ވަނީ ހުރަސް އަޅައި އެތަނުގައި އަޑުގަދަ ކުރައްވައިފަ އެވެ. އެރޭ ފަޑިޔާރުން ހުވާކުރެއްވީ ވެލެޒިނީ ހޯލުން ނިކުމެވަޑައިގަތް ވަގުތުގައި ދޮރުތަޅުލައިގެނެވެ.
އެ ބަޔާނުގައި އައިސީޖީން ވަނީ ވެލެޒިނީ އަށް ދިން އެ "ފިޑި އަމަލު މިނިވަން ކަމާ އެކު ތަހުގީގު ކުރުމަށް އެންމެހާ ޒިންމާދާރު މުއައްސަސާތަކަށް ގޮވައިލައިފައިވެ އެވެ. އޭގެ ކުރިން ޑީއާރުޕީ އާއި އެމްޑީޕީ އާ ޕީއޭ އަދި އަދާލަތު ޕާޓީން ވެސް ވަނީ އެ މައްސަލަ ތަހުގީގުކޮށް އެ ކަން ކުރިފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވައިލައިފަ އެވެ.
ރައީސް ނަޝީދު ވެސް ވަނީ އެކަން ފުރިހަމައަށް ތަހުގީގު ކުރައްވާނެ ކަމަށާއި އެކަން ކުރި ފަރާތްތަކަށް ހައްގު އަދަބު ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެ ހަމަލާ ޖޭއެސްސީން ސިފަކޮށްފައި ވަނީ އެއީ ތުސްތޫރީ ނިޒާމުގެ ބާރުކަޑުވާލުމަށް މުޅި ނިޒާމަށް ދެވުނު ހަމަލާއެއްގެ ގޮތުގަ އެވެ.