14:30


ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ބުނެ، އޮޑިޓަރ ޖެނެރަލްކަމުގެ މަގާމުން އިބްރާހިމް ނައީމު ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ކުރިއަށްދިޔަ މި މައްސަލައިގައި މަޖިލީހުގައި ހިމެނޭ ދެ ޕާޓީން ހޫނު ބަހުސްތަކެއް ކުރުމަށްފަހު ވޯޓަކާ ހަމައަށް ނުދެވި ގިނަ ދުވަސްތަކެއް ދިއުމަށްފަހު މިއަދުގެ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، މި މައްސަލައަށް ވޯޓަށް އެއްސެވުމުން ގާނޫނު އަސާސީ އާއި އޮޑިޓަރ ޖެނެރަލްގެ ގާނޫނާއި މާލިއްޔަތުގެ ގާނޫނާ އޮޑިޓަރ ޖެނެރަލް ހިލާފްވެފައިވާތީ އިބްރާހިމް ނައީމް އޮޑިޓަރ ޖެނެރަލްކަމުގެ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް، ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 43 މެންބަރުންނެވެ. އެގޮތަށް ނުފެންނަ ކަމަށް 28 މެންބަރުން ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.


މި މައްސަލައަށް ވޯޓަށް އެހުމުގެ ކުރިން ކުރިއަށް ދިޔަ ބަހުސް ދޭތެރެ ދޭތެރެއިން ހޫނުވެގެންދިޔަ އެވެ.


އަދި މި މައްސަލައިގައި މަޖިލީހަށް އިތުރަށް ސާފްކޮށްދެންޖެހޭ ކަންތައްތަކާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު ވެސް ވާހަކަ ދެއްކެވި އެވެ.