19 Jun 2014, 12:46
ގަބޫލް ކުރަންޖެހޭ އެއް ހަގީގަތަކީ އަބަދަކު ރަސްކަން ނުކުރެވޭނެ ކަމަށާއި ދެން އިތުރަށް ދައްކާނެ މާމޮޅެތި ވާހަކަތަކެއް ނޯންނާނެ ކަމަށް ސްޕޭންގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.
ޑެލް ބޮސްކޭ މިހެން ބުނީ، ގްރޫޕް "ބީ"ގެ ދެ ވަނަ މެޗުގައި ރޭ ޗިލީއަތުން 2-0 ލަނޑުން ބަލިވެ، މުބާރަތުން ސްޕޭން ކެޓި މެޗަށް ފަހު ބްރެޒިލްގައި ވޯލްޑް ކަޕް ކަވާކުރުމަށް ހަރަކާތެރިވަމުން އަންނަ ބައެއް މީޑިއާތަކަށް ދިން އިންޓަވިއުއެއްގަ އެވެ.
"ދެން ކޮން ވާހަކައެއް ދައްކާނީ، ދައްކާނެ މާގިނަ ވާހަކައެއް ދެން ނެތް" ޑެލް ބޮސްކޭ ބުންޏެވެ. "މިއީ ވަރަށް ހިތް ދަތިވި ދުވަހެއް. މިދުވަސް މަތިން ހާދާނުން ފިލާގެނެއް ނުދާނެ." ނޫސްވެރިން ކުރި ސުވާލްތަކަށް ޖަވާބު ދެމުން ޑެލް ބޮސްކޭ ބުންޏެވެ.
ވޭތުވެ ދިޔަ ހަ އަހަރު ދުވަހު ފުޓްބޯޅައިގައި "ރަސްކަން" ކުރަމުން އައި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ސްޕެއިން "ލަދުވެތި" ގޮތަކަށް މުބާރާތުން ރޭ ކެޓީ ފީފާ ރޭންކިންގައި ސްޕެއިނަށް ވުރެ، 13 ދަރަޖަ ފަހަތުގައި އޮތް ޗިލީ އަތުން 2-0 ލަނޑުން ބަލިވެގެން ނެވެ.
ގޭގޭގެ ސިޓިމް ރޫމުގަޔާއި ބޮޑެެތި ސްކުރީން ދޮށުގައި މެޗުބަލަން ތިބި ދުނިޔޭގެ އެއްތައް މިލިއަން މީހުން ހީކުރިގޮތާ ހިލާފަށް ރޭގެ މެޗުން ބަލިވެ މުބާރާތުން ސްޕެއިން ކެޓި އިރު ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން 5-1 ލަނޑުން ބަލިވުން ސޯޝަލް މީޑިއަގައި މިއަދު މުޅިން ކަހަލަ ގޮތަކަށް އޮތީ، ސްޕޭން ބަލިވި ވާހަކަ އެވެ. އަސި ސްޕެއިން އަށް ލިބުނު ނާކާމިޔާބީއަކީ ފަހުގެ ތާރީހުގައި ސްޕެއިން ޓީމަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީގެ ގޮތުގައި ވެސް ސޯސަލް މީޑިއާގައި ދަނީ ވާހަކަ ދައްކަމުންނެވެ.
ވޯލްޑް ކަޕް މެޗެއްގައި ސްޕެއިން ކޮޅަށް ތިން ލަނޑަށް ވުރެ ގިނައި ވަދެފައި ވަނީ، މީގެ 64 އަހަރު ކުރިން، ބްރެޒިލްއާ ދެކޮޅަށް 1950ގައި އެ ގައުމުގައި ކުޅުނު މެޗުގަ އެވެ. އެ މެޗުން ސްޕެއިން ބަލިވީ 6-1 ލަނޑުންނެވެ.
ވޯލްޑް ކަޕް 2010ގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަންކަން 2008 އަދި 2012 ވަނަ އަހަރު ހޯދި ސްޕެއިން ޓީމުގައި ފުޓްބޯޅައިގެ ސްޕަ ސްޓާރުންގެ ސްކޮޑެއް އޮއްވައި މިފަދަ ގޮތަކަށް މުބާރާތާ ވަކިވާން ޖެހުމުން އެ ޓީމުގެ ކޯޗު ވިސެންޓޭ ޑްލެބޮސްކޭގެ މުސްތަގުބަލާ މެދު މިހާރު ވަނީ ސުވާލު އުފެދިފައި ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތަކުގައި މިއަދު ވަނީ ބުނަން ފަށައިފަ އެވެ.