އެންޑްރޮއިޑް ޓެބްލެޓް ބޭނުންކޮށްގެން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު (ވީއައިއެޗްއެސް)ގައި ކިޔަވައިދޭން މިއަދު ފަށައިފި އެވެ. އެ ސްކޫލުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 11ގެ ދަރިވަރުންނަށެވެ.

ވިލާ ސްކޫލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސްކޫލުގައި އެންޑްރޮއިޑް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުން އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީއައިއެޗްއެސްގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ، ކުރިން ކްލާސްރޫމްތައް ބަންދުވެ، ޓީޗަރުގެ އިލްމުން ދަރިވަރުންނަށް ކިޔަވައިދީ އުޅުނަސް، މިއަދު ކްލާސްރޫމްތައް މިވަނީ "ހުދޫދެއް" ނެތް ގޮތަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމުން ދަރިވަރުންނަށް އަމިއްލަ އަށް މައުލޫމާތު ހޯދައި އެ މައުލޫމާތު ދިރާސާކޮށް ހިއްސާކުރުމުގެ އިތުރުން އިލްމު އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

"ޓެބްލެޓް ބޭނުންކޮށްގެން ސްކޫލުގައި ގާއިމްކޮށްފައިވާ ލާނިން މެނޭޖްމަންޓް ސިސްޓަމް "ވީއައިއެޗްއެސް ދަސްވެހި" އަށް ލޮގިން ވެލައިގެން، އޭގެ ތެރޭގައި ޓީޗަރުން އެއްކޮށްފައިވާ މައުލޫމާތު ހޯދައި ބަލައި ހެދޭނެ. އަދި ގޭގައި ވެސް އެ މައުލޫމާތު ބަލައި ހެދޭނެ." ވީއައިއެޗްއެސްގެ ޕްރިންސިޕަލް "ސަން" އަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ކޮންމެ އަހަރަކު ކުދިން ހޯދަން ޖެހޭ ޓެކްސް ފޮތްތަކުގެ ބަދަލުގައި ސޮފްޓް ފޮތްތަކެއް ހޯދުމުގެ މަޝްވަރާތަކެއް ވެސް ދުނިޔޭގައި އެންމެ ބޮޑު ފޮތްތައް ޝާއިރުކުރާ އިނގިރޭސި ވިލާތުގެ ޕިއާސަން ކުންފުންޏާ އެކު ކުރަމުންދާ ކަމަށެވެ. އޭރުން ކުދިން އުފުލަން ޖެހޭ ފޮތްތައް ވެސް ޓެބްލެޓަށް އަޅައިގެން ގެންގުޅެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލުގައި އެންޑްރޮއިޑް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމުގެ މަޝްރޫއުގެ ދަށުން ދަރިވަރުން ބޭނުންވާނޭ ޓެބްލެޓް ކޮމްޕިއުޓަރު އިންސްޓޯލްމަންޓަށް ލިބޭނޭ އިންތިޒާމް ސްކޫލުން ވަނީ ހަމަޖައްސާފަ އެވެ.

ވިލާ ސްކޫލުން ކުރިން ބުނެފައި ވަނީ، ބެލެނިވެރިންނަށް ހާއްސަކޮށްގެން "ޕޭރަންޓް ޕޯޓަލް"އެއް ހެދުމުގެ މަސައްކަތް ވެސް އެ ސްކޫލުން ކުރަމުން އަންނަ ކަމަށާއި އެ ޕޯޓަލްގެ ސަބަބުން ބެލެނިވެރިންނަށް ކުދިން ސްކޫލްގައި އުޅޭ ނޫޅޭ ގޮތް އޮންލައިންކޮށް ބަލާލެވޭނެ ކަމަށެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް މިއަހަރު މުޅިން އަލަށް 240 އަށް ވުރެ ގިނަ ދަރިވަރަކު ރެޖިސްޓްރީ ވެފައިވެ އެވެ.