19 Jun 2014, 12:16
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގެ ދެ ވަނަ މެޗުގައި އެމެރިކާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އެމެރިކާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރޮނާލްޑޯ ބުނީ، ގްރޫޕް އެމެރިކާ އަކީ އެއްވެސް ހާލަތެއްގައި ބަލި ޓީމެއް ކަމަށް ހީ ނުކުރެވޭނެ ކަމަށާއި މުބާރާތުގައި އެމެރިކާ ގަނާއާ ދެކޮޅަށް ދެއްކި ކުޅުމާ އެކު، ޕޯޗުގަލް އިން އެކަމަށް ވަރަށް ވިސްނަން ޖެހޭނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.
ގްރޫޕްގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗު އެމެރިކާ އިން ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ. އަދި ގާނާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުން އެމެރިކާ ކަޓުވާލި ޓީމެވެ.
"އެމެރިކާ އަކީ ވަރުގަދަ ފިސާރި މޮޅެތި ކުޅުންތެރިން ތިބި ޓީމެއް. އަހަރުމެން އެ ޓީމަށް އިހްތިރާމް ކުރަން ޖެހޭ. އެމެރިކާ މެޗަކީ އަހަރުމެންނަށް މިވަގުތަށް އޮތް ފައިނަލް މެޗް. އެ މެޗުން ބަލިވއްޖެއިއްޔާ އަހަރުމެން ވެސް ދާންޖެހޭނީ ރަށަށް. އެއީ އެކަމަކު އަހަރުމެން ބޭނުން ވާގޮތެއް ނޫން." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ، ޖަރުމަނާ ދެކޮޅަށް ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން 4-0 ލަނޑުން ބަލިވިއެއް ކަމަކު ޓީމުގެ ކުޅުންތެރިން އެކަމާ މާޔޫސްވެ، ކަންބޮޑުވެގެން އުޅޭ ކަށް ނުޖެހޭނެ ކަމަށާއި ފުޓްބޯޅައަކީ "ރުވުމާއި އުފާވުން" ހިމެނޭ، އެންމެން ވެސް ގަދަރު ކުރާ ކުޅިވަރެއް ކަމަށެވެ.
"ފުރަތަމަ މެޗުން ބަލިވިޔަސް އެކަމާ މާޔޫސްވާކަށް ނުޖެހޭ. މީޑިއާތަކުގައި ތަފާތު ގޮތް ގޮތަށް އެ ވާހަކަ ފެތުރި ނަމަވެސް ޕޯޗުގަލް ޓީމުގެ ކުޅުންތެރިން ތިބީ އެމެރިކާ އަތުން ކާމިޔާބު ހޯދުމުގެ އަޒުމްގައި. އެމެރިކާ މެޗަށް ނުކުންނާނީ ފުރަތަމަ މެޗުގައި ހެދުނު މިސްޓޭކްތައް ތަކުރާރު ނުކުރުމަށް." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ، އެމެރިކާ މެޗަށް ނުކުންނަ އިރު އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި އަދި ޓީމުގައި ވެސް މެޗް ނުކުޅެވޭ ވަރުގެ ކުޅުންތެރިއަކު ނެތް ކަމަށް ރޮނާލްޑޯ ބުންޏެވެ.
"އަހަރެން ވެސް އެމެރިކާ މެޗަށް މިހުރީ ވަރަށް ފިޓްކޮށް. ޓީމުގައި ވެސް ސީރިއަށް އަނިޔާގެ މައްސަލައެއް ނެތް." ރޮނާލްޑޯ ބުންޏެވެ.
އެމެރިކާއާ ދެކޮޅަށް ޕޯޗުގަލް ބައްދަލުކުރާ މެޗް އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 3:00ގައި ބްރެޒިލްގެ ފުޓްބޯޅައިގެ ފޯރި ކުޑަ ހިސާބެއް ކަމަށްވާ މަނާއުސްގެ އެރީނާ އެމެޒޯނިއާ ސްޓޭޑިއަމްގަ އެވެ.