އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާގެ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅައިފި އެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން އިއްޔެ ނިންމި ނިންމުމުގައި ޖީއެމްއާރުގެ އެއްބަސްވުން ސަރުކާރުން އުވާލުމުން، ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދެއް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އާބިޓްރޭޝަނަށް ހިނގި ހަރަދުގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު (61.68 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޖީއެމްއާރާ ހަވާލާދީ އިންޑިއާގެ ނޫސްތައް ބުނާ ގޮތުން، ޖީއެއްއާރުގެ ލިބެންޖެހޭ ބަދަލު ހޯދަން، އާބިޓްރޭޝަންގެ ދެ ވަނަ މަރުހަލާގައި އެ ކުންފުނިން ވަކާލާތު ކުރާނެ އެވެ. އަދި ޖީއެމްއާރު އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް އާބިޓްރޭޝަނުން ކަނޑައަޅާފައިވުމުން، ގާނޫނީ ހުއްޖަތަކާ ނުލައި ބަދަލު ދޭން ސަރުކާރަށް ލާޒިމްވާނެ ކަމަށް ވެސް ޖީއެމްއާރުން ބުނެފައިވާ ކަމަށް އިންޑިއާގެ ނޫސްތައް ބުނެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 25 އަހަރަށް އައިއެންއައިއޭ ހިންގުމަށް ޖީއެމްއާރާ ހަވާލު ކުރީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ނަޝީދުގެ ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޖީއެމްއާރު އެއްބަސްވުން ބާތިލްކޮށް އެއާޕޯޓް ހިންގުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އާ ވަނީ ހަވާލު ކުރީ ޑިސެމްބަރު 8، 2012 ގަ އެވެ.

ޖީއެމްއާރުގެ އެއްބަސްވުން ވަހީދުގެ ސަރުކާރުގައި އުވާލީ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެ އެވެ.